ސައުދީގެ ހައްޖު މިނިސްޓަރު ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފި
ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގު ރަބީއާ އަށް, އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވައިފި އެވެ.
ޝަހީމް، އެ ދައުވަތު ދެއްވީ ޑރ ތައުފީގުއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ހައްޖާއި އުމްރާގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެ ހަރަމްފުޅަށް ހިދުމަތްކުރުމުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މިނިސްޓަރު ޝަހީމް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި ދުނިޔޭގެ ކަންކޮޅުތަކުން ސައުދީއަށްދާ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށް ދެއްވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޝަހީމް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސައުދީ ހައްޖު މިނިސްޓްރީން ލިބޭ އެހީތެރިކަން ފާހަގަކުރި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ސައުދީއާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، އެ ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ޝަހީމް ދެއްވާފައިވެ އެވެ.
އަދި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ހަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ހައްޖާއި އުމްރާއަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ސައުދީ ހައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ހައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.