"ވަގު" ފޯމްތަކުގެ މައްސަލާގައި އީސީގެ މަސައްކަތާ މެދު ސޯލިހު ސުވާލު އުފައްދަވައިފި
ވަގު ފޯމުތަކެއް ފުރައިގެން ވެރިކަން ކުރާ ޕީއެންސީ އަށް އިދިކޮޅު އެމްޑީޕީ މެންބަރުން ވައްދަމުންދާ ކަމަށް ބުނާ މައްސަލާގައި އިލެކްޝަން ކޮމިޝަން (އީސީ) ގެ މަސައްކަތާ މެދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސުވާލު އުފައްދަވައިފި އެވެ.
ވަގު ފޯމުތަކެއް ފުރައިގެން އެމްޑީޕީ މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. މައްސަލަ އަނެއްކާ ގޯސްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ޕީއެންސީއަށް ވެއްދި މައްސަލައެއް މިއަދު ފެންމަތިވުމުންނެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ވަނީ މިއަދު ގޮވާލާފަ އެވެ.
އެ މައްސަލައާ ގުޅުވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިދިޔަ 5 އަހަރު ވެރިކަންކުރެއްވި ސޯލިހު ވިދާޅުވީ އީސީ އަކީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ތަނަކަށް ވާން އެބަޖެހޭ ކަމަށެވެ.
"ސުވާލަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ ފުރިހަމައަަށް އެބަ އަދާ ކުރޭ ބާވައެވެ" އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލާގައި އީސީއާ އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އީސީގައި އެދިފައިވާނެ ކަމަށް އެ ޕާޓިން ބުންޏެވެ.
ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ޕީއެންސީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލި އެވެ.