ވެރިކަން ހިންގުމުގެ އާ އޮނިގަނޑެއްގެ ސައްލާއެއް ޑިމޮކްރެޓުން ފަށަނީ
ރާއްޖޭގެ ވެރިކަން ހިންގުމުގެ އާ އޮނިގަނޑެއްގެ ސައްލާއެއް ހިންގަން ފެށުމަށް ދަ ޑިމޮކްރެޓްސްގެ ގަރާރަކުން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީ ބައްދަލުވުމުގައި އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަނަންސް ކޮމިޓީގެ މުގައްރިރު އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދެވެ.
އެ ގަރާރުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ އެތައް ހިންމަތަކާއި މިންނަތަކުން އަދި އެތައް ބައެއްގެ އެތައް ގުރުބާނީއަކުން ހޯދުނު ފެހި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުލަތުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ބާރުވެރިކަން އަރާރުންވާ ފަދައަކުން ރިޔާސީ ބާރުވެރިކަން މާ ބޮޑުވެ, މާ މަތިވެރި ވެގެން ގޮސްފި ކަމަށް ގަބޫލުކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ ގާނޫނުއަސާސީގައި އިން ވަކިކުރެވިފައިވާ 3 ބާރުގެ އިންތައް ނެތިވެގޮސް ވެރިކަން ހިންގުމުގެ ބާރުގެ ހައްދެއް ނެތް ނުފޫޒާ ވަސީލަތްތަކުގެ ބޭނުން ހިފައި, ގާނޫނު ހެދުމުގެ ބާރުވެރިކަން ހިންގުމުގެ ބާރުގެ ދަށަށް މަހާލެވޭ ސަގާފަތަކަށް ފުރޮޅި, އެކަން ތަކުރާރުވުމުގެ އާދައެއް އަށަގަނެފައިވާ ކަމަށެވެ. އަދި އެ ދެ ބާރު އެކުވެ އެކަތިގަނޑަަކަށްވުމުން, އެ ދެބައިމީހުންގެ ސިއްރު ޑީލުތަކުން ޝަރުއީ ނިޒާމަށް ބާރު ހިންގުވުމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަނޑުވާލެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއަށް ޓެކުހުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ބޮޑު ބިޔަ އާމްދަނީ ހޭދަކުރުމުގައި ފިތްކަނޑައިގެންދާ މިންވަރަށް ވެރިންގެ ސިޔާސީ އިސްރާފާއި ކޮރަޕްޝަން އާންމުވެގެން ގޮސްފައިވުމާއި ލިބޭ ބޮޑު އާމްދަނީން ދެކޮޅު ނުޖެއްސި ނަގާ ދަރަނި އިންތިހާއަށް ބޮޑުވެ ގައުމުގެ ސިޔާދަތަށް ނުރައްކާ މިންވަރު ބުރައަކަށްވެފައިވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ ރައްޔިތުންގެ މެދުގައި އިންސާފާ އަދުލުވެރިކަމުގެ ރޮނގުން ވެރިކަން ހިންގުމުގެ ސިފަ ނެތިގެން ގޮސް ދައުލަތުގެ ހިދުމަތްތަކާއި ދައުލަތުން ހަމަހަމަކަމާއެކު ފޯރުވައިދޭން ޖެހޭ ފުރުސަތުތައް ފޯރުވައިދިނުމުގައި ތަފާތުކުރުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އަދި އެ ޕާޓީގެ އެތެރޭގެ މަޝްވަރާ އާއި ޕާޓީން ބާރުގެ މަޝްވަރާވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ބަހުސްކޮށް ދިރާސާކޮށްގެން ރާއްޖޭގެ ވެރިކަމުގެ އާ އޮނިގަނޑުގެ ސިޔާސަތު ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތްކުރަން ފެށުމަށް އެ ޕާޓީން އިގުރާރުވެފައިވެ އެވެ.
ރޭ ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން، ނޭޝަނަލް އެސެމްބްލީ އާ މުހާތަބުކުރައްވާ ވާހަކަ ދައްކަވާފައިވެ އެވެ.