ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ޝަރީފުގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މީޑިއާ އޮފިޝަލް ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.
އޮފިޝަލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޝަރީފުގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންގެ މައްސަލަތައް އެކި އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ބޮޑެތި ތުހުމަތުތައް ކުރެވޭ މައްސަލަތައް ހިމެނެ އެވެ.
އެގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންގެ ޕާސްޕޯޓު ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ހިފަހައްޓާފަ އެވެ.
އަދި މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފް އައްޔަންކުރީ 2022 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭގެކުރިން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރައްވާފަ އެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.