4 މިނިސްޓަރަކަށް އަލުން ރުހުން ހޯދަން ފޮނުވައިފި
ނިމިދިޔަ މަހު ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމުތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުން ރުހުން ހޯދަން ފޮނުވި މައްސަލަ ފޮނުވި މައްސަލަ ދިރާސާ ކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވާފައި ވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހު ހަތަރު މިނިސްޓްރީއަކަށް މިނިސްޓަރުން އައްޔަންކުރެއްވި އެވެ. އަދި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީއަށާއި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް ބަދަލުކުރެއްވި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާއަށް ހުށަހެޅި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން ވަނީ ތަޅުމަށް އިއްވާފަ އެވެ.
އެ ސިޓީފުޅުގައި ވަނީ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި 4 ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅާ ކަމަށެވެ.
ރުހުން ހޯދަން މަޖިލިހަށް ފޮނުވީ:
- ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރަކަށް ތ. ބުރުނި، ނިވައިދޮށުގެ، މޫސާ ޒަމީރު
- ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް މއ. ވެނީލާ، ޑރ. އަލީ ހައިދަރު އަހްމަދު
- އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރަކަށް މއ. މާރާދަގެ، ޑރ. މަރްޔަމް މާރިޔާ
- ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ގދ. ފިޔޯރީ، ގުލްބަކާގެ، ޑރ. އަބްދުﷲ މުއްތޮލިބް
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި އުފެއްދި އާ މިނިސްޓްރީގެ ހިންގުން ހަވާލުކުރެއްވި މުއްތޮލިބު ކުރިން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރަަކަށެވެ. އަދި އެ ބަދަލާ އެކު ހައުސިން މިނިސްޓަރަކަށް ހުންނެވި ހައިދަރު އާ ހަވާލުކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ.
އެގްރިކަލްޗާ މިނިސްޓަރަކަށް ހުންނެވި ޑރ. އައިޝަތު ރަމީލާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ، އެ މިނިސްޓްރީއަށް އައްޔަންކުރެއްވި މާރިޔާ އެވެ. އެކަމަނާ ކުރިން ހުންނެވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށެވެ.