މަޑިއަށް ކާންދިނުން އިތުރުވާތީ ގަވާއިދާ ހިލާފަށް އެކަން ނުކުރަން އީޕީއޭއިން އަންގައިފި
ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
ގުދުރަތީ ގޮތުގައި ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ މަޑީގެ ބާވަތްތަކަކީ ހިމާޔަތްކޮށްފައިވާ ދިރުންތަކެކެވެ. އެ ގަވާއިދުގައި ރައްކާތެރިކޮށްފައިވާ ދިރުންތަކަށް ގެއްލުން ލިބިދޭ ކަންކަން ވަނީ މަނާކޮށްފަ އެވެ.
އީޕީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމާޔަތް ކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
މަޑީގެ ބާވަތްތައް ބަލާލަން އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ކަމަށެވެ. ނަމަވެސް މި ހަރަކާތުގެ ސަބަބުން އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވާ ކަމަށް އީޕީއޭއިން ބުންޏެވެ. މިގޮތަށް ކަންތައް ދިމާވާ އެއް ސަބަބަކީ މިފަދަ ސަރަހައްދުތަަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުން ނުވަތަ މަޑީގެ ކަށި ހެރުން ކަމުގައި ފާހަގަކުރި އެވެ.
އީޕީއޭއިން ބުނި ގޮތުގައި މިފަދަ ހާދިސާތައް ރާއްޖޭގައި ގިނަވަމުން ދިޔުމަކީ ފަތުރުވެރި ކަމަށް އަސަރުކުރާނެ ކަމެއް ކަމުގަ އެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއަށާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާ އަދި ކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ހުށަހަޅާ ކަމުގައި އީޕީއޭއިން ބުންޏެވެ.
މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކަކީ އެފަދަ ބާވަތްތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގޭ، ރައްކާތެރި އަދި ތިމާވެއްޓާ ރަށްޓެހި ހަރަކާތްތަކަކަށް ހެދުމަށް އީޕީއޭއިން ވަނީ ގޮވާލާފަ އެވެ.
ކަނޑައެޅިފައިވާ ގޮތްތަކާ ހިލާފުވާ ފަރާތްތަކަށް މެދު ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.