އައްޑޫން ކުނި ނަގަން ވެމްކޯއިން ނިންމި އަގު މާ ބޮޑު ކަމަށް ވިދާޅުވެ މޭޔަރުގެ ނުރުހުން

އައްޑޫ ސިޓީގެ އަވަށްތަކުން ކުނި ނަގަން ވެމްކޯއިން ނިންމި އަގުތައް މާބޮޑު ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މޭޔަރު އެކްސްގައި ވިދާޅުވީ އައްޑޫގެ އަވައްތަކުން ކުނި ނެގުމަށް ނަގާ އަގު ވެމްކޯއިން ނިންމާފައިވަނީ ކައުންސިލްއާ މަޝްވަރާ ވެސް ނުކޮށް ކަމަށެވެ.
އައްޑޫ ސިޓީގެ އާއްމު ސަރަހައްދު ތަކުންނާއި މިސްކިތްތަކާއި އޮފީސްތަކަކާއި އަދި ޕާކްތަކުގެ ކުނިތައް ކައުންސިލުން ޖަމާކުރަމުން ދަނީ ވެމްކޯގެ ކުނި ކޮއްޓަށެވެ. ކުނި ކޮއްޓަށް ވެއްދުމަށް ދުވާލަކު 50،000 ރުފިޔާ ދައްކަން ޖެހޭ ކަމަށް މޭޔަރު މިއަދު ވިދާޅުވި އެވެ.
"އެއްވެސް ވިސްނުމެއް ދިރާސާއެއް މަޝްވަރާއެއް ނެތި މި ޒާތުގެ ދެއުޅިއެއް ނުވާ ނިންމުންތައް ސަރުކާރުން ނިންމަމުން އަދި ބަދަލު ކުރަމުން ދިއުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ދިނުމަށް އުދަގޫތައް ދިމާވެ ހުއްޓަން ދިމާވެދާނެ ކަމެއް. މި އަހަރު ޖެނުއަރީ މަހުން ފެށިގެން އައްޑޫގެ އާއްމު ސަރަހައްދުތަކުން ނެގޭ ކުނި ގެންދެވޭނެ ތަނެއް ނެތި ފުނިޖެހެމުން ދާކަން ފާހަގަ ކުރެވޭ." މޭޔަރު ވިދާޅުވި އެވެ.
އައްޑޫގެ ކައުންސިލް މެމްބަރަކު މި ނޫހަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ ކުރިން އެއް ޓަނުގެ ކުނި ވައްދަން ނަގަމުން ދިޔައީ 106 ރުފިޔާ ކަމަށެވެ.
ނަމަވެސް މިހާރު ޓަނަކަށް 2660 ރުފިޔާއަށް ބޮޑުކޮށްފައިވާތީ ކައުންސިލްއަށް ލިބޭ ބްލޮކް ގްރާންޓްއިން އެހާ ބޮޑު ހަރަދެއް ނުކުރެޥޭނެ ކަމަށެވެ.