ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރަން ޕީޖީން އޭސީސީއަށް އަންގައިފި

އެ ސަބަބަށްޓަކައި ގާނޫނުއަސާސީން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން އޭސީސީން ތަހުގީގުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލާފައިވާ ކަމަށެވެ. އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ޕީޖީ އަމުރުކުރައްވައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީގެ އަމުރުގައި، އޭސީސީން ތަހުގީގުކުރަމުންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕީޖީ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެ އެވެ.
އޭސީސީގެ މައްސަލަތައް އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޕީޖީ ނެރުއްވާފައިވާ އިރުޝާދަކީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ހުރިހާ މައްސަލަތައް ޕީޖީއަށް ހުށަހެޅުމުގައި، މިއަދުން ފެށިގެން އަމަލުކުރަންޖެހޭނެ އިރުޝާދެކެވެ.
އެ އިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުޙަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުން ކަމަށް ޕީޖީން ބުންޏެވެ.
ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން ޕީޖީ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.






ކޮމެންޓް