ސިޔާސީ ހިޔާލު ތަފާތުވެގެން ކުޑައިމީސްކުރުން ހުއްޓާލަން ރައީސް އެދިވަޑައިގެންފި
ސިޔާސީ ގޮތުން ހިޔާލު ތަފާތު ވެގެން އަނެކާ ކުޑައިމީސްކޮށް އަބުރު ނަގައިލާ ގޮތަށް ހިޔާލު ފާޅުކުރުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިއްދުއަށް ވަޑައިގަންނަވަންވާ އިރަށް އެ ރަށުގައި އުޅޭ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ސަރުކާރަށް ފާޑުކިޔައި ރަށު ތެރޭގައި ގިނަ ބެނާތަކެއް ދަމައިފަ އެވެ. ސިޔާސީ ގޮތުން ފޯރިގަދަ ދިއްދުއަށް ރައީސް ވަޑައިގަތުމުން، ޕީއެންސީގެ ސަޕޯޓަރުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.
މިރޭ ދިއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަމަޖެހުން ގައުމަށް އައުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. ހިޔާލު ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން ހިމެނޭހެން ގާނޫނުތަކުގައި މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް މި ސަރުކާރުގައި ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ގައުމަށް ހަގީގީ ހަމަޖެހުމާއި ކުރިއެރުން ލިބެން އޮތީ ރައްޔިތުން ބައެއް ފަރުދީ ޒިންމާތައް އަދާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތުން ހިޔާލު ފާޅުކުރާއިރު އިސްލާމް ދީނުގައިވާ އަހުލާގު ފުރިހަމައަށް ބޭނުން ކުރުމަށް ރައީސް ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން ރިވެތި އަހުލާގު، ރިވެތި ބަހުރުވަ ބޭނުން ކުރަން ވާނީ. ކޮންމެ މީހަކުގެ ވެސް އަބުރާއި އިއްޒަތް އޮންނަން ވާނެ ކަން ހަނދުމަކޮށްގެން އެއަށް އިހުތިރާމު ކުރަން ޖެހޭ. ސިޔާސީ ހިޔާލު ތަފާތުވުމަކީ އަނެކާއަށް ކުޑައިމީސްކޮށް ހިތަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ސިކުނޑިތައް ތަރައްގީ ނުކުރާނަމަ ސަރުކާރުން ފޯރުކޮށްދޭ އުމްރާނީ ތަރައްގީއަކީ ވެސް ބޭނުމެއް، މާނައެއް ނެތް ކަމެއް ގޮތަށް ވެސް އެމަނިކުފާނު މިރޭ ސިފަކުރެއްވި އެވެ.
"މިއީ ރައްޔިތުންގެ ފަރުދީ ޒިންމާއެއް، މީގައި ސަރުކާރަކަށް ވެސް ކޮށްދޭވެނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ ހަމަޖެހުން ގައުމުގައި އޮތުމަށް އެމަނިކުފާނަށް ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ގޮތުން އެކަކަށް ވެސް އަދަބު ނުދޭނެ ކަމަށާއި ސިޔާސީ ގޮތުން މީހުންނަށް ފިއްތުންތައް ކުރިމަތިކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް މިރޭ ވިދާޅުވެ ވާހަކަ ދެއްކެވި އެވެ.