ކައުންސިލުތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން އިލްތިމާސްކޮށްފި
ލޯކަލް ކައުންސިލުތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލަތަކަކަށް އެ ކައުންސިލުގެ އެއްބާރުލުން ނުލިބޭ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.
ތިނަދޫ ކައުންސިލުން އާދިއްތަ ދުވަހު ބުނެފައި ވަނީ އެ އިދާރާގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީ ނަމުގައި ބަޔަކު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެ އިދާރާއިން ބެލިބެލުމުން އެފަދަަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ތިނަދޫ ކައުންސިލުން ކުރި ތުހުމަތުތައް ދޮގުކޮށް އޭސީސީން ބުނި ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކޮމިޝަނުގެ ޓީމެއް ކައުންސިލުގައި ހަރަކާތްތެރިވެފައިވާ ކަމުގަ އެވެ. އެކަމުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމުގަ އެވެ. ނަމަވެސް ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާ ކަމުގަ އެވެ.
އެލްޖީއޭއިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިންގަމުން ދަނީ ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ރާއްޖޭގައި އަމަލުކުރެވެމުން އަންނަ ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރި އެވެ.
އެހެންނަމަވެސް ތަހުގީގީ އިދާރާތަކަށް ބައެއް ކައުންސިލުތަކުން އެއްބާރުލުން ލިބެމުން ނުދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަކީ އެ އޮތޯރިޓީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައިވެ އެވެ.
އެލްޖީއޭއިން ވަނީ ކައުންސިލުތަކުން ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް ނޭޅުމަށް އެދިފަ އެވެ. އަދި އެ އިދާރާތަކުގެ ޒިންމާ އަދާކުރަން އެހީތެރިވުމަށާ އަދި މައްސަލަތަކާ ގުޅިގެން އިދާރާތަކުން ކައުންސިލުތަކަށް އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.