ދިމްޔާތުގައި ކުލަލާން އުޅުނު މީހަކު ވެއްޓި ފަރުވާ ދެނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ކުލަލާން އުޅުނު މީހަކު ވެއްޓި އަނިޔާވުމާ ގުޅިގެން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ގޯތިތެރެއިން އަނިޔާވެފައިވާ މީހަކު ނެރެގެން ގެންދާ މަންޒަރެވެ. ބައެއްގެ އަތްދަނޑިމަތީގައި އެ މީހާ އައިޖީއެމްއެޗަށް ގެންދާތަން އެ ވީޑިއޯއިން ފެނެ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ވެއްޓުނީ ދިމްޔާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރުގައި ކުލަލާން އުޅުނު މީހެއް ކަމަށެވެ. އެ މީހާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުލަލާން އުޅެނިކޮށް ވެއްޓި އަނިޔާވީ އިންޑިއާ ފިރިހެނަކަށް ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް އޭނާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.