ޚަބަރު

ބިދޭސީންގެ ބަޔޮމެޓްރިކް އަޕްޑޭޓް ނުކުރާނަމަ ހިދުމަތް ނުދޭނެ ކަމަށް އަންގަައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނެގުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ

ރާއްޖޭގައި މަަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނެގުމަށް "ކުރަނގި" ނަމުގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޑޭޓާތައް އަޕްޑޭޓްނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އެކައުންޓުން "އެކްސް" ގައި ހިއްސާކުރި ބަޔާނެއްގައި ބުނީ، ގްރޭޓާ މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު) ގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާޗް 15، 2025 ގެ ކުރިން ވަޒީފާދޭ ފަރާތްތަކުން ހޯމްލޭންޑް މިނިސްޓްރީގެ ފޮރިން ލޭބާއާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"އަދި މި މުއްދަތުގެ ތެރޭގައި ބަޔޮމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަމެވެ" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މާލެ ސަރަހައްދުގައި ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގުމުގެ ކަންކަން ކުރަމުންދަނީ އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރަކުންނެވެ. އެ ސެންޓަރުން ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10 އަށެވެ.

އިތުރު މައުލޫމާތު 7690228 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި ޖެނުއަރީ މަހުގެ 18 ގެ ނިޔަލަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ އެއްކޮށްފައިވެ އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި މޫނުގެ ފޮޓޯ ނަގައި ބަޔޮމެޓްރިކްސް ޑޭޓާ ހަމަކުރުމަށް ފެށި އޮޕަރޭޝަން 2027 ވަނަ އަހަރުގެ އޭޕްރީލް މަހަށް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!