ޚަބަރު

ސާޖަރީތައް ހުއްޓައެއް ނުލަން: އައިޖީއެމްއެޗް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

ބޭނުންވާ އާލާތްތައް ނެތުމުން އެ ހޮސްޕިޓަލުން ސާޖަރީތައް ހެދުން ހުއްޓާލި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އައިޖީއެމްއެޗުން މިއަދު ދޮގުކޮށްފި އެވެ.

ކޮރަޕްޝަނާއި އާންމުންނާ ގުޅުން ހުންނަ އެކި ކަންކަން ކާކުކަން ނޭނގޭ ގޮތަށް ސޯޝަލް މީޑިއާގައި ފެންމަތިކުރަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްއެޗުން ކުރަމުން އަންނަ ސާޖަރީތައް މެދުކަނޑާލާފައިވާ ކަމަށެވެ.

އެންމެ އާދައިގެ ސާޖަރީތަކުން ފެށިގެން ކްރިޓިކަލް ހާލަތްތަކުގައި ކުރަން ޖެހޭ ސާޖަރީތައް ކުރިއަށް ގެންދަން ބޭނުންވާ އާލަތްތައް ނެތް ކަމަށެވެ. އެކަން ޑޮކްޓަރުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ސާޖަރީތައް ފިޔަވައި އިތުރު ސާޖަރީތައް މިވަގުތު ޝެޑިއުލް ނުކުރަން ހޮސްޕިޓަލުން އެދިފައިވާ ކަމަށް އެ އެކައުންޓުން ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާ ކަމަށެވެ.

އާންމުންނަށް އޮޅުން އަރާގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އައިޖީއެމްއެޗުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ވެސް އެ ހޮސްޕިޓަލުން ކުރި ޕޯސްޓުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!