60% އިދާރާތަކުން ރިޕޯޓެއް ނުދޭ، ރައީސް އޮފީސް ހިމެނޭ: އައިކޮމް
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ (މަހޯލި) ހައްގުގެ ގާނޫނުގައި ބަޔާންކުރާ "މަހޯލި އަހަރީ ރިޕޯޓު" އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް 60 ޕަސެންޓް އިދާރާތަކުން ނުފޮނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މަހޯލި ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގެ ކުރިއަށް އެ ރިޕޯޓް އައިކޮމްއަށް ފޮނުވަން ޖެހެ އެވެ.
އައިކޮމް އިން މިއަދު އެކްސްގައި ބުނީ އަހަރީ ރިޕޯޓް ފޮނުވަން ޖެހޭ މުއްދަތު ހަމަވި އިރު އެ ރިޕޯޓް ފޮނުވާފައިވަނީ އެންމެ 383 އިދާރާއިން ކަމަށެވެ. އަދި އެއީ ޖުމްލަ އިދާރާތަކުގެ އެންމެ 40 ޕަސެންްޓްކަން ވެސް އައިކޮމް އިން ފާހަގަކޮށްފައިވެ އެވެ.
އަހަރީ ރިޕޯޓް ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި މިނިސްޓްރީތައް ވެސް ހިމެނޭކަމަށް އައިކޮމްއިން ބުނެފައިވެ އެވެ.
އޭގެ ތެރޭގައި
- ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީ
- ސްޕޯޓްސް މިނިސްޓްރީ
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- ކޮންސްޓްރަކްޝަންސް އެންޑް ހައުސިން މިނިސްޓްރީ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ މައުލޫމާތު އާންމު ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އައިކޮމް އަކީ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށްވާ އިރު މައުލޫމާތު ފޯރުކޮށްދިނުމުގެ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ އިދާރާތައް މީގެ ކުރިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.