ހުސްވި އަހަރުގެ ފަހު ހަ މަސް ދުވަހު ކުންފުނިތަކުގެ ބޯޑަށް 42 މެމްބަރުން އައްޔަންކުރި
ހުސްވި އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ޗެއާމަން، މެނޭޖިން ޑިރެކްޓަރު އަދި މެމްބަރުން ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 42 މެމްބަރުން އައްޔަންކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފި އެވެ.
ޕީސީބީން އާންމުކުރި ކުންފުނިތަކުގެ ދުވެލި އަންގައިދޭ ރިޕޯޓަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާ އަދި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި ރިޕޯޓެކެވެ.
ރިޕޯޓުގައި ވަނީ ފާއިތުވި އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެކި ދާއިރާތަކުން އެ ބޯޑުން ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.
އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުގެ ޗެއާމަން، މެނޭޖިން ޑިރެކްޓަރު އަދި މެމްބަރުން ހިމެނޭހެން 27 މެމްބަރަކު މަގާމުތަކުން ވަކި ކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ. ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރަން ފޮނުވި ނަންތަކުގެ ތެރެއިން 7 ނަމެއް އައްޔަންކުރުމަކާ ނުލައި އަނބުރާ ގެންގޮސްފައިވާއިރު، 9 ނަމެއް ޝަރުތު ހަމަނުވާތީ އައްޔަންކޮށްފައެއް ނުވެ އެވެ.
އެ މުއްދަތުގެ ތެރޭގައި ޗެއާމަން، މެނޭޖިން ޑިރެކްޓަރު އަދި މެމްބަރުން ހިމެނޭހެން ކުންފުނިތަކަށް 42 މެމްބަރުން އައްޔަންކޮށްފައިވެ އެވެ.
ކުންފުނިތަކުގެ ކޯޕަރޭޓް ބިޒްނަސް ޕްލޭން ހަދައި ހުށަހެޅުމަށް ދިން ލަފާގެ އިތުރުން ޕީސީބީން ވަނީ އާސަންދަ، އެޗްޑީސީ، ބީއެމްއެލް، އެސްޑީއެފްސީ އަދި ޕީއެސްއެމްގެ ހިންގުމާ ގުޅޭގޮތުން އެންގުންތައް އަންގައި ލަފާތައް ދީފަ އެވެ.
އެގޮތުން އާސަންދަ ކުންފުނީގެ އިދާރީ އޮނިގަނޑު ބަދަލުކޮށް، ހިންގާ ގަވާއިދު އިސްލާހުކުރަން ވަނީ އަންގާފަ އެވެ. އެޗްޑީސީގެ ހިންގާ ގަވާއިދު އިސްލާހުކުރަން އެންގިއިރު، އެސްޑީއެފްސީގެ އިންޑިޕެންޑެންޓް ޑައިރެކްޓާސް އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތާ އަދި ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޕޮލިސީއަށް މާއްދާއެއް އިތުރުކުރުމާ ގުޅޭގޮތުން އެ ބޯޑުން ވަނީ ލަފާދީފަ އެވެ.
ދުވެލި ރިޕޯޓުގައި ވަނީ ޕީސީބީން ނިންމި މުހިންމު ނިންމުންތަކާއި ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތާއި ބޯޑުގެ މަސައްކަތްތަކާ ގުޅިގެން އެކި ފަރާތްތަކާ އެކު ބޭއްވުނު ބައްދަލުވުންތަކާއި ބައިވެރިވި ހަރަކާތްތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ކުރެވުނު މަސައްކަތްތަކަށް ވެސް އަލިއަޅުވާލާފަ އެވެ.