ޚަބަރު

ސަސްޕެންޑްކުރި ބައެއް މުވައްޒަފުންގެ ވަޒީފާ އެޗްޑީސީން އިއާދަކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައިގައި ސަސްޕެންޑްކުރި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެ ކުންފުނިން އުވާލައިފި އެވެ.

Ads by Hajj Corporation

ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންނެވެ.

އެ މައްސަލަ އާއެކު ނުއަގުގައި ބިން ތަކެއް ވިއްކުމާ އަދި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. މައްސަލަތަކާ ގުޅިގެން އެޗްޑީސީގެ ބޯޑު މެމްބަރުންނާ އެކު ފަޒުލް ވެސް މަގާމުން ސަސްޕެންޑްކުރި އެވެ. ސަސްޕެންޝަނުގައި ހުއްޓާ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލްގެ އިސްތިއުފާ އާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މުހައްމަދު މައުރޫފް ޖަމީލް އައްޔަންކުރެއްވުމާ ގުޅިގެން ޕީސީބީން ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފަ އެވެ.

މައްސަލަތަކާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކުރި އެވެ. އެފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ.

އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ. އެކަން އެޗްޑީސީގެ އޮފިޝަލު މިއަދު "ދެން" އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް ގޯތިތަކެއް ދިން މައްސަލަ އާ ގުޅިގެން ފަޒުލް އާއި ފަޒީލްގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ބައެއް ވެރިން ހިމެނޭހެން ޖުމްލަ 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އޭގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓު ފަހުން ވަނީ ދޫކޮށްލާފަ އެވެ.