ޚަބަރު

އައިޖީއެމްއެޗް ކައިރީ ހިނގި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އަނިޔާވި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ހަމަލާދީ ހިންގި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

އެ މާރާމާރީގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ 8:40 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ އެ މީހާއަށް ހަމަލާ ދިނީ މަރުތޭލައަކުން ކަމަށެވެ.

އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ވައްދައި ފަރުވާ ދޭން ފެށި ކަމަށް ވެސް ރޭ ފުލުހުން ބުނެފައިވެ އެވެ.

މާރާމާރީގައި އަނިޔާވީ ފިރެހެނަކަށެވެ. އެހެން ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

މާރާމާރީ އާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ޒަހަމް ލިބިފައިވާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަނީ މީހެއްގެ އުޅަނބޮއްޓަށް ލިބުނު ޒަހަމަކާ އެކު ލޭފައިބަމުންދާ މަންޒަރެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ މާރާމާރީ ހުއްޓުވުމަށް އެ ތަނުގައި ހަރަކާތްތެރިވި ޕޮލިހެއްގެ އުޅަބޮއްޓަށް އަނިޔާވެފައިވާ ކަމަށެވެ.

އެ މައްސަލައިގައި އަދި ބަޔަކު ހައްޔަރު ނުކުރި ނަމަވެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހުސްވި ދެތިން ހަފުތާގައި މާލެ ސަރަހައްދުގައި މާރާމާރީތައް އާންމުވެފައިވާ ކަން ފާހަގަކުރެވެ އެވެ.

އިއްޔެ މެންދުރު ވެސް މާވެޔޮ މަގުގައި ހުންނަ ތާސިރު ކެފޭގައި ބިދޭސީންތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގައި، ދެ މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.