ޚަބަރު

ސިޒޭރިއަނަށް ފަހު ފަރުވާ ލިބުން ލަސްވެ ދެމައިން ނިޔާވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ގއ. ވިލިނގިލީ ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް/ ފޮޓޯ: ގއ. ހޮސްޕިޓަލް

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށް ފަހު ބޭނުންވާ ފަރުވާ ލިބުން ލަސްވެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވެއްޖެ އެވެ.

Ads by STELCO

ވައިގެ މަގުން ބަލި މީހުން އުފުލާ އެއާ އެމްބިއުލާންސް ދިޔުން ލަސްވެ ނިޔާވީ ގއ. ވިލިނގިލި، ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37އ) އާއި އޭނާގެ ދަރިފުޅެވެ.

އާއިލާއިން "ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު ބުނީ ރޯގާޖެހި ކެއްސާތީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓްކުރީ އަންގާރަ ދުވަހު ކަމަށެވެ.

މެންދަމު 2 ޖެހިއިރު އެޑްމިޓްކުރިއިރު، އޮކްސިޖަން ގުޅީ ހެނދުނު ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެހެންނަމަވެސް އޭރުވެސް ޑޮކްޓަރަކު އެޓެންޑުނުވާ ކަމަށް ބުންޏެވެ.

"އެހެން ހުއްޓާ ހާލު ބޮޑުވީ، ކުއްލިއަކަށް އޮކްސިޖަން ލެވެލް ދަށްވެގެން ވެންޓިލޭޓަރަށްލީ،" އެ މީހާ ކިޔައިދިނެވެ. ބަނޑަށް 8 މަހުގައި ސިޒޭރިއަން ހަދައިގެން ޝިއުނާގެ ދަރިފުޅު ނެގިއިރު ދެމައިންގެ ހާލުވެސް ސީރިއަސް އެވެ.

"ކުއްޖާ ނެގީ ދުވަސް ނުފުރައި، 8 މަސް ދުވަހުގައި. ދެ މައިންގެ ހާލުވެސް ސީރިއަސް،" އޭނާ ބުންޏެވެ.

ވާހަކަ ދެއްކި މީހާ ބުނީ އިއްޔެ އިރުއޮއްސި 7 ޖަހާކަންހާއިރު، އިތުރު ފަރުވާއަށް ދެމައިން މާލެ ގެންދިއުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން އާސަންދައިން އެއާ އެމްބިއުލާންސެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ. ނަމަވެސް ކޫއްޑޫއަށް ދިޔަ ފަހުންވެސް މާލެ ދެވޭނެ ގޮތެެއް ހަމަނުޖެހި ލަސްތަކެއްވި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ފުރަތަމަ 7 ޖަހާއިރު އަންނާނެޔޭ، 9 ޖަހާއިރު އަންނާނެޔޭ، އޭގެ ފަހުން 10 ޖަހާއިރު އަންނާނެޔޭ، އެހެން ކިޔާފައި ރަންވޭއަށް ޕޭޝަންޓު އަރުވަން ވެގެން ދިޔައިރު 11:40،" އޭނާ ބުންޏެވެ.

"ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހާ ބުނީ ފުރަން ތައްޔާރުވެފައި އޮތް އެއާ އެމްބިއުލާންސުގައި އެމަޖެންސީގައި ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އެއާ އެމްބިއުލާންސުގައި ދެމައިންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތި، ޝިއުނާ ނިޔާވީ ސިޒޭރިއަން ހެދިތާ 24 ގަޑިއިރު ފަހުން ރޭގަ އެވެ.

"ފްލައިޓުގައި ވެންޓިލޭޓަރު ހުރީ ހަލާކުވެފައި. އޮކްސިޖަނެއް ވެސް ނެތް. ފްލައިޓުގައި ދެން ރަންވޭ މަތީގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް 1:30 ގައި. ރަންވޭ މައްޗަށް (ފްލައިޓް) ގައި އަންހެން މީހާ މަރުވީ،" އެ މީހާ ކިޔައިދިނެވެ.

ޝިއުނާގެ ދަރިފުޅު ނިޔާވީ ރޭ އައިޖީއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާ ސުވާލުކުރުުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާނުކުރެ އެވެ.