ޚަބަރު

ރައީސްގެ މަސައްކަތްތަކަށް ތައުރީފުކުރަން: ގާސިމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަކީ ތާއީދުކުރާ ކަމެއް ކަމަށާއި ކަންކަމުގައި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ރަނގަޅު ވިސްނުމެއްގެ ތެރެއިން ކަމުގައި ގަބޫލުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނު އަސާސީ އިސްލާހު ކޮށްގެން ގެންނަ ބަދަލާ އެކު، ހިނގަމުންދާ މަޖިލިހުގެ ދައުރު ފަސް އަހަރަށް ވުރެ ކުރުވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މި ސަރުކާރުން ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރިޔާސީ ބަޔާނުގައި ގިނަ ކަންތައްތަކެއް ކުރަން ހުށަހެޅިއިރު، ކަން ކުރެވޭނީ އުންމީދެއް އޮވެގެން އެކަމަކަށް މަސައްކަތް ކޮށްގެން ކަމުގައި ފާހަގަކުރެއްވި އެވެ.

"ގިނަ ކަންކަން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރައްވަން އެބަ އުޅުއްވައޭ. ކޮރަޕްޝަންގެ ކަންކަން ފެންމަތިވުމުން ވެސް އެ ތުހުމަތު އޮންނަ މީހަކަށް ފިޔަވަޅުތަކެއް ވެސް އެބަ އަޅުއްވާ. އެއީ އަޅުގަނޑުގެ ހިތުގެ ތެރޭގައި އޮތް ތައުރީފެއް،"

ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރެއިން މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް އަލިއަޅުއްވާލައްވާ ގާސިމް ވިދާޅުވީ އެ ބަދަލު ފުރަތަމަ ގެނައީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. މަޖިލިހަށް ހޮވޭ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ގެންދިއުމުގެ މަސައްކަތް ފެށީ ވެސް އެ ޕާޓީން ކަމަށެވެ.

އެ އިސްލާހަކީ ގާނޫނު އަސާސީއަށް ހިލާފު އިސްލާހެއް ނަމަ އެކަން ނިންމާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވި އެވެ. ގާނޫނު އަސާސީ އާ ތައާރުޒުވާ ކަމެއް ނަމަ ސުޕްރީމް ކޯޓަށް އެކަން ބަދަލު ކުރުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ. އެ މައްސަލަ އެ ކޯޓުން ވަކި ގޮތަކަށް ނިންމުމުން އެކަމާ މެދު ކުރެވެމުންދާ ބަހުސަށް ނިމުން އަންނާނެ ކަމަށެވެ.

މީގެކުރިން ތިން ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމަކީ އެމަނިކުފާނަށް ވަރަށް ބަލައިގަނެވޭ އިސްލާހެއް ކަމުގަ އެވެ.

މިހާރު އޮންނަ ގޮތުން ރައީސް ކަމަށް އިންތިހާބުވާ ބޭފުޅަކަށް ހައެއްކަ މަސް ދުވަހު ސަރުކާރު ހިންގުމަށް ފަހުގައި މަޖިލިހުގެ އިންތިހާބާ ދިމާކޮށް، ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށް، ނުހައްގުން ކަންތައްތަކެއްކޮށް، ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިދޭކަން ފާހަގަކުރެއްވި އެވެ.

"އެ ފުރުސަތެއް ނޯންނާނެތާ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހޮވިގެންދާ ކަމަށް ވަންޏާ، އެއްފަހަރާ ދާނީ،"

ބަދަލު ގެނައުމުގައި، "ދެކޮޅަށް ވާހަކަ ދައްކާނެ ފުރުސަތު އޮންނާނެ ބައިވަރު،" މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. އެގޮތުން ވެރިކަމުގައި ހުންނަ ފަރާތަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުން ހިމެނޭ ކަމަށެވެ. ނަމަވެސް އަމަލުކުރެވެމުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަމުގައި ހުންނެވި ބޭފުޅަކު ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފައި ނުވާ ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ.