ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނެރުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުން އެ ގައުމުގެ ގާޒާއިން ނެރުމަށް ގެންގުޅެމުން އަންނަ ވިސްނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑރ. ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލުކުރައްވާފަ އެވެ. ޓްރަމްޕް ވަނީ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރެ، އެމެރިކާގެ ބާރުގެ ދަށަށް އެ ބިން ގެންދިއުމުގެ ޕްލޭނެއް ހުށަހަޅުއްވާފަ އެވެ.
އެފަހުން އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ ގާޒާ ދޫކޮށްދާން ބޭނުންވާ އާންމުންނަށް އެކަމަށް މަގުފަހިކޮށްދޭން އެ ގައުމުގެ އަސްކަރިއްޔާއަށް އަންގާފަ އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި އާބާދީތައް ގާއިމުކުުރުމާއި އެ ގައުމުގެ ބިންތައް ހިފައި، ގާޒާގެ ރައްޔިތުން އެ ބިމުން ނެރުމަށް ކުރާ މަސައްކަތްތައް ކުށްވެރިކޮށްފަ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ރާއްޖޭން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކޮށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ވެސް ވަނީ ގޮވާލާފަ އެވެ.
ފޮރިން މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ. އަދި އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން ރާއްޖޭން ކުރާ ތާއީދު ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
ގާޒާގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ނެރެ، ކައިރި ގައުމުތަކަށް ބަދަލުކޮށް، އެ ބިމުގައި އެމެރިކާގެ އިންވެސްޓްމެންޓެއް ކުރަން ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އަރަބި ގައުމުތަކުންނާއި ބޮޑެތި ބައެއް ގައުމުތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.
ރައްޔިތުންގެ މަޖިލިހުގައި އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް ކުރާ މަސައްކަތަށް ރާއްޖޭން ތާއީދު ނުކުރާނެކަން ހާމަކުރައްވާފަ އެވެ.
"ގާޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް. ގާޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖޭން ދުވަހަކު ވެސް ތާއީދު ނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާ އަދި އެހީތެރިކަން އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން އަބަދުވެސް ދޭނެ ކަމުގަ އެވެ.
