ޚަބަރު

ފްލޯޓިން ސޯލާ ޕެނަލް އާއެކު 43 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ: ސައީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރިޔާސީ ބަޔާން 2025 ފޯރަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

މާލެ އަތޮޅު ފަޅެއްގައި މި ސަރުކާރުން ފަށަން ނިންމާފައިވާ ފްލޯޓިން ސޯލާ ޕްރޮޖެކްޓާ އެކު އުފެއްދޭ ކަރަންޓުން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފްލޯޓިން ސޯލަ ޕްރޮޖެކްޓް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް ނިންމައި، މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރައީސްގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ރޭ ދައުލަތުގެ މީޑިއާއިން ބޭއްވި ފޯރަމުގައި ފްލޯޓިން ސޯލާ ޕެެނަލް ޕްރޮޖެކްޓުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން 100 މެގަވޯޓަށް ވުރެ ގިނަ ކަރަންޓު އުފެއްދޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"އާންމު އުސޫލުން ރާއްޖޭގައި ކަރަންޓު އުފައްދަން ތެޔޮ އިމްޕޯޓްކޮށްގެން ކޮމްޕެއާކުރާއިރު، 43 މިލިއަން ޑޮލަރު ގާާތްގަނޑަކަށް ސޭވް ކުރެވޭނެ [ފްލޯޓިން ސޯލާ ޕަވާ ޕްރޮޖެކްޓް] އިން. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފުރަތަމަ މަސައްކަތަށް މި މަސައްކަތް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފްލޯޓިން ސޯލާ ޕްރެޖެކްޓުގެ މަސައްކަތް 2027 ވަނަ އަހަރު ނިންމައި އޭގެ ނަފާ ލިބެން ފަށާނެ ކަމަށެވެ.

ރާއްޖޭގައި އުފައްދާ ކަރަންޓުގެ ތިންބައިކުޅަ އެއްބަޔަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެ އަމާޒަށް ވާސިލުވުމުގެ ގޮތުން އިރުގެ އަލިން 15 މެގަވޮޓުގެ ކަރަންޓު އުފައްދާ ނިޒާމު ނިމިދިޔަ އަހަރު އިތުރުކުރެވިފައިވާކަން ރައީސް އިއްޔެ ވެސް ފާހަގަކުރެއްވި އެވެ.