އެއްވެސް އެހެން ބަޔަކު އީފާހަށް އެކްސެސްވާ ނަމަ، މީހާގެ ރުހުން ހޯދަން ޖެހޭ ގޮތް ހަދަނީ
އެއްވެސް އެހެން ބަޔަކު ޑިޖިޓަލް އައިޑެންޓިޓީ އީފާސް އަށް އެކްސެސްވާނަމަ މީހާގެ ރުހުން ހޯދަން ޖެހޭ ގޮތަށް އީފާސް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދިން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި އީފާސް ތަރައްގީ ކުރެވިފައިވީ ނަމަވެސް، ބައިނަލްއަގްވާމީ މިންގަނޑުތަކާ ހަމަ ކުރެވޭ މިންވަރަށް އައިޑީ ތަރައްގީ ކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ އެކަން ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އީ-ފާސް ޒަމާނީ ކުރެވިގެން ދިޔުމުން އެއްވެސް އިދާރާއަކުން މީހެއްގެ މައުލޫމާތަށް އެކްސެސްވަނީނަމަ އެ މީހަކަށް އެކަން އެނގޭނެ ކަމަށެވެ.
މީހާ އަށް ބަލާލެވޭނެ ކޮންސެންޓު ދިނުމަށް ފަހުގައިވެސް ކާކުތޯ ކޮން ސަބަބަކާ ހުރެތޯ ތިމަންނާގެ ޒާތީ މައުލޫމާތަށް އެކްސެސްވެފައި މިިއޮތީ މިއީ ވަރަށް ބޮޑު ކޮމްފޮޓެއް މިފަދަ މާހައުލަށް ކަންކަންތައް ބައްޓަންވެގެން އަންނައިރު މީހަކަށް ލިބެން ޖެހޭ
އިހުސާން ވިދާޅުވީ މިހާރު އެއް އިދާރާއިން އަނެއް އިދާރާއަށް ޑޭޓާޝެއާ ކުރެވޭނެ ގޮތެއް ނެތުމުން އެކަމުގެ އުދަނގޫތައް ރައްޔިތުންނަށް ދިމާވާ ކަމަށެވެ. އެއް ކަމަކަށް ފާހަގަކުރި އެކި އިދާރާތަކުގައި ވަކި ވަކި ޕޯޓްލަތަކަށް ރަޖިސްޓްރީކުރަން ޖެހުމެވެ.
"ބައެއް އިދާރާތަކުގައި ފޯމުލަމުން އެ ފޯމުގެ ކޮޕީތައްލަމުން ހަދަން ޖެހޭ ކަހަލަ ހާލަތްތައް އެބައާދޭ. އެ ފޯމުލުމަށް ފަހު އަޕްޑޭޓް ނުލިބިގެން ގުޅާލީމާ ބުނާނެ މި ވެނި ކޮޕީއެއް ގެނެސްދީބަލާށެވެ" އެއީ ދައުލަތެއް ސިފާގައި މަސައްކަތްކުރާއިރު އޮންނަން ޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ދާދި ފަހުން ނިންމި ގޮތަށް ސަރުކާރުގެ އަމާޒަކީ ޑޭޓާ ޝޭއަރިން ފްލެޓްފޯމެއް ބިނާކުރުން ކަމަށެވެ.
އެ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ކޮރަޕްޝަން ނައްތާލުމަށާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކަން ބޮޑު ގޮތެއްގައި މީހުންނަށް ފެންނަން ފެށުން ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވެ އެވެ.