ޚަބަރު

މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ނުކުންނަން އުޅުނު 3 މައްސަލައެއް

. ، ދެން އޮންލައިން
އިއްޔެގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ގަމުގައި ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން - ފޮޓޯ: އީސީ

ނ. މިލަދޫގައި ބައި-އިލެކްޝަންގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔައިރު، ވޯޓުކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު 3 މައްސަލައެއް އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލަން ފަށައިފި އެވެ.

Ads by STELCO

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ މިލަދޫ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާސް ޖީބަށް ލައިގެން ނިކުންނަން އުޅުނު 3 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

"އީސީގެ އޮފިޝަލުންނަށް ފާހަގަކުރެވުނީ 3 މީހަކު ވޯޓު ކަރުދާސް ޖީބަށް ލައިގެން ނިކުންނަން އުޅުނުކަން" ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީގެ އޮފިޝަލުންނަށް އެކަން ފާހަގަކުރެވުމާއެކު އެ 3 މީހުން ހުއްޓުވާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާނީ ފުލުހުންނާ އީސީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ވޯޓު ކަރުދާސް ކޮޅު ހިފައިގެން ވޯޓުލާ ސަރަހައްދުން ބޭރަށް ދިޔުމަކީ ގާނޫނީ ކުށެކެވެ.

މިލަދޫގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަނާ ކާމިޔާބުކުރީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު އަތުމާ އެވެ.