ޚަބަރު

ބުޅާ ފެސިލިޓީގެ މައްސަލަ ބަލަން މާރިޔާއާއި މާލޭ ސިޓީ ކައުންސިލް މަޖިލީހަށް ހާޒިރުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު ކުޑޫ--

މާލޭ ސިޓީ ކައުންސިލުން ހުުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކުރި ބުޅާ ފެސިލިޓީ، އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރަން އެންގި ނަމަވެސް ގޮތެއް ނުނިމި ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

Ads by STELCO

"އޮޅު ހިޔާ" ބުޅާ ފެސިލިޓީ ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ ފެސިލިޓީ އެ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފަ އެވެ. އެގުރިކަލްޗާ މިނިސްޓްރީގެ ސިޓީއާ ގުޅިގެން ސިޓީ ކައުންސިލުން ފާސްކުރީ އެ ތަން ގާއިމުކުރުމަށް ދިޔަ ހަރަދު އަނބުރާ ދިނުމުން މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި މެންބަރު ކުޑޫ މިދިޔަ ހޯމަ ދުވަހު ދެ ސިޓީއެއް ފޮނުއްވައި ދެ ކަމެއް ހުށަހަޅުއްވާފައިވެ އެވެ.

ފުރަތަމަ ސިޓީގައި ހުށަހަޅުއްވާފައިވާ ކަމަކީ މިނިސްޓަރު މާރިޔާ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރުވުމަށެވެ. މަޖިލިހުގެ މެންބަރުންނަށް، ތަޅުމަށް މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ގާނޫނުއަސާސީން މަޖިލީހުގެ ގަވާއިދުން ވެސް ލިބިދީފައިވެ އެވެ.

އެ ގޮތުން ތިން ސުވާލެއް މިނިސްޓަރަށް ކުރެއްވުމަށް ވެސް އޭނާ އޭގައި ހުށަހަޅުއްވާފައިވެ އެވެ؛

  • އެއްވެސް ބުޅަލަކަށް ބުޅާ ފެސިލިޓީން ހިޔާޥަހިކަން ދީފައިނުވާ ސަބަބު
  • އެ ތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށްފައިވޭތޯ
  • މަގުތަކުގައި ދިރިއުޅެމުންދާ ބުޅާތައް ފެސިލިޓީއަށް ގެންގޮސް ނިމޭނެ ދުވަސް

ދެވަނަ ސިޓީގައި ހުށަހަޅުއްވާފައިވާ ކަމަކީ މިނިސްޓަރާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ހާޒިރުކޮށް ދެ ފަރާތް ވެސް ޖަވާބުދާރީކޮށް އެ ކޮމިޓީއަކުން އެ މައްސަލަ ބަލައދިނުމަށެވެ.

ބެލެވޭ ގޮތުގައި އެ މައްސަލަ ބާލަނަމަ ބަލާނީ އިޖުތިމާއީ ކޮމިޓީންނެވެ.

އެގުރިކަލްޗާ މިނިސްޓަރު މާރިޔާ - ފޮޓޯ: ރައީސް އޮފީސް

މެންބަރު ފޮނުވި ސިޓީގައި ފާހަގަ ކުރެއްވި ކަންބޮޑުވުންތައް

މެންބަރު ކުޑޫ ފޮނުވި ސިޓީގައި ވިދާޅުވީ ބުޅާ ފެސިލިޓީ ގާއިމުކުރިއިރު އެ ތަނަށް ކްލިނިކަލް ލައިސަންސްއާއި ބޭސްފަރުވާއަށް ބޭނުންވާ އާލާތްތަކާއި މުހިންމު ބޭސްތައް ވެސް ލިބޭނެ އިންތިޒާމެއް ވެސް ނެތް ކަމަށެވެ. އޭގެ އިތުރުން ބުޅާތަކަށް ބޭނުންވާ ކާ އެއްޗެއްސާއި ފެން ދިނުމަށް ބޭނުންވާ އާލާތްތަކާއި ޕޮޓީއާއި ކުނި ނައްތާލާ ނިޒާމްފަދަ އަސާސީ އިންތިޒާމްތަައް ވެސް ފުރިހަމަކޮށްފައި ނުވާކަންވެސް ފާހަގަކުރެއްވި އެވެ.

އެ މައްސަލަތަކާ ގުޅިގެން އާންމުންނާއި މަދަނީ ޖަމިއްޔާތައް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ބުޅާތައް ފެސިލިޓީއަށް ބަދަލުކުރުމުގައި ޖަމިއްޔާތަކުން ދެމުން އައި އެއްބާރުލުން ވެސް މިހާރު ވަނީ މަޑުޖައްސާލާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ބުޅާ ފެސިލިޓީގެ ހަރަދު ދިނުމުގެ މައްސަލާގައި ކޮޅެއް ނުޖެހި އެ ތަން ހަވާލުކުރުން އޮތީ ދިގުދެމިގެންގޮސްފަ އެވެ.

"މިއަދާ ހަމައަށް ދިޔައިރު ވެސް އެ ކަން ކުރެވޭނެ ތާރީހަކާއި މިކަމާ ގުޅިގެން އަމަލީ ސިފައެއްގައި އެއްވެސް މަސައްކަތްކުރުމުން އައިސްފައިވާ ތަން ފެންނަމުން ނުދެއެވެ." ކުޑޫގެ ސިޓީގައި ބުނެފައި ވެއެވެ.

މެންބަރު ކުޑޫ ވިދާޅުވީ އެ މައްސަލަ ކޮޅެއްގައި ނުޖެހިގެން އުޅޭ ސަބަބު ސާފުވާން ޖެހޭ ކަމަށެވެ. އަދި އެ ފެސިލިޓީއާ ހަވާލުވާން ތިން ފަހަރު މަތިން ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ތިން ފަހަރު މަތިން މިނިސްޓްރީއަށް އެންގުމުން ވެސް އެތަނާ ހަވާލު ނުވެގެން އުޅޭ ސަބަބު އެނގެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.