ޚަބަރު

ކުށްތަކަށް މަގުފަހިވާ ގޮތަށް ފަޅުގައި އަޅާފައި ހުންނަަ އުޅަނދުތަކުގެ ނަންތައް ހާމަކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގެ ފަޅުގައި އަޅާފައިވާ އުޅަނދުތަަކެއް--

ކުށުގެ ވެއްޓަށް މަގުފައިވާ ގޮތަށް މާލެއާއި ވިލިމާލޭގެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި އޮތް އުޅަނދުތަކުގެ ނަންތައް މާލެ ސިޓީ ކައުންސިލުން ހާމަކުރަން ފަށައިފި އެވެ.

Ads by Hajj Corporation

ބަލަހައްޓާނެ ޒިންމާދާރު ފަރާތެއްނެތި އެއްގޮތަކަށް ވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭ އެކި ސަރަހައްދުތަކުގައި އުޅަނދުތައް އަޅާފައި ހުންނަ މައްސަަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިރޭ ޝާއިއުކުރި ހަބަރެއްގައި ވަނީ ގަވާއިދާ ހިލާފަށް އަޅާފައި އޮތް ދެ އުޅަނދެއްގެ ނަން ހާމަކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އުޅަނދުތަކުގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއިން އާންމުކުރި އުޅަނދުތަކުގެ ނަންތައް

  • މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް މުނިމާ ނަމަކަށް ކިޔާ ރަޖިސްޓަރ ނަންބަރ (P4020B.01.01 ) އުޅަނދު
  • މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް އުންމީދު ނަމަކަށް ކިޔާ ރަޖިސްޓަރީ ނަންބަރ ( P4034A.01.10N ) އުޅަނދު

އޭގެ އިތުރުން މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ ގައި އަޅާފައި އޮތް ނަން ނުޖަހާ ދެ އުޅަނދެއް އޮތް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ ރަޖިސްޓްރީ ނަންބަރު އެއްގޮތަކަށް ވެސް ނުޖަހާހުރި ދެ އުޅަނދުފަހަރުގެ ސަބަބުން ގަވައިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލްއަށް ލިބެމުންދާ ކަމަށެވެ.

ސިޓީ ކައުންސިލްއިން ވަނީ އެ ހަތަރު އުޅަނދުތައް ނަގަން މުހުލަތެއްވެސް ދީފަ އެވެ.

އެގޮތުން މި މަހުގެ 10ހެ ކުރިން އެ އުޅަނދުތަކުގެ ވެރިފަރާތުން ނުވަތަ އުޅަނދު ބެލެހެއްޓުމަށް ހަވާލުވެހުރި ފަރާތްތަކުން ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު އެސަރަހައްދުން އެ އުޅަނދުތައް ނެގުމަށް ވެސް ކައުންސިލްއިން ވަނީ އެދިފައެވެ.

އެ އުޅަނދުތައް ނުނަގާނަމަ، އެފަދަ އުޅަނދު ފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރޭ ދޫކޮށްލާފައިވާ އުޅަނދުފަހަރު ކަމަށް ބަލައި އެ އުޅަނދުތައް އެ ކައުންސިލަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދާނެ ކަމަށް ކައުންސިލްއިން ބުންޏެވެ.

"އަދި އުޅަނދުތައް ގެންދިއުމުގެ ތެރޭގައި އުޅަނދަށާއި އުޅަދުގައިވާ ތަކެއްޗަށް ވާ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް މި ކައުންސިލުން އަންގާފައިވެއެވެ." ކައުންސިލްއިން މިރޭ ޝާއިއުކުރި ހަބަރުގައި ބުނެފައި ވެއެވެ.