ސަރުކާރުން ރޯދައަށް ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި

ކުރިއަށް ރޯދަ މަހާ ދިމާކޮށް ރަށްރަށުގެ ގޭބިސީތަކަށް ދަޅު މަސް ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިދިޔަ ރޯދަ މަހު ގޭބިސީތަކަށް ފުށާއި ހަނޑޫ ބަސްތާ ބެހި ނަމަވެސް ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭނީ ދަޅު މަސް ކޭހެއް ކަމަަށެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ނައިބު އަލީ ޝަމީމް މިއަދު ވިދާޅުވީ މަސްދަޅު ބެހުމުގެ މަސައްކަތް ހދ. އަތޮޅުގައި ފަށައި އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގޭބިސީތަކަށް މަސްދަޅު ބަހައި ނިންމާފައިވާ ކަަމަށެވެ.
މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެ ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ.
މި ރޯދައަށް ސައުދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ ކަދުރުވެސް ގޭބިސީތަކަށް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
