50 މިލިއަން ޑޮލަރު މާރުކޮށްފި؛ ރިޒާވަށް 700 މިލިއަން ޑޮލަރު
![](https://dhen.mv/wp-content/uploads/2025/01/IMG_20250129_091601_014-850x548.jpg)
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރި އަދަދު 50 މިލިއަން ޑޮލަރަށް އަރައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، މިދިޔަ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކުރި ކަމަށެވެ.
އެމްއެމްއޭއިން ބުނިގޮތުގައި އެ މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކުރި ކަމަށެވެ.
މިދިޔަ މަހު މާރުކުރި ޑޮލަރު އިތުރުވެ ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބުނު ބޭރު ފައިސާ ވެސް އިތުރުވުމުން ރިޒާވްވެސް ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ މަސް ނިމުނު އިރު ރިޒާވް 708.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ކުރިއެރުމެކެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވަކި މުއްދަތުތަކެއްގައި އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ.
އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ, ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކުރާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން 15 މިލިއަން ލިބޭ ފަރާތްތަކުން އެ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.