ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖަޒީރާގެ ދެ ބޯޓު އޮޕަރޭޝަނަށް ގެނެސް މަސް ކިރުވާ ކިޔު ނައްތާލަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު ޝިޔާމް މަޖިލިހުގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ކިރުވުމުގެ މަސައްކަތުގައި ބޭނުންކުރަމުންދާ ޖަޒީރާ ދޭއް އަދި ތިނެއްގެ މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ދެ ބޯޓު އޮޕަރޭޝަނަށް ގެނެސް މަސް ކިރުވަން މިހާރު ކިޔުގައި ޖެހެން ޖެހޭ މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ޝިޔާމް ވިދާޅުވީ މިފްކޯއަށް ގަނެފައި ހުރި ގިނަ ބޯޓުތަކުގެ އެފިޝެންސީ ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. އެކަން ރަނގަޅު ކުރުމަށް ޖަޒީރާ ދޭއް އަދި ތިނެއްގެ މަރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

".. ސީޒަނަށްވާ އިރަށް އޮޕަރޭޝަނަށް ގެނެވޭތޯ. މި ދެ ބޯޓު ގެނެވިއްޖެއްޔާ މި ބަލަނީ 12، 13. މާދަމާ އާއި އަނެއް ދުވަހު މަސައްކަތްކޮށްގެން މި ދެ ބޯޓު އޮޕަރޭޝަނަށް ގެނެވޭނެ. އެހެންވެއްޖިއްޔާ މިހާރު މި އޮތް ކިޔު، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ކިޔުއަށް ހައްލެއް ގެނެވޭނެ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި މިފްކޯގެ ކެޕޭސިޓީ ހުރި ވަރުން އެ ކުންފުންޏަށް ދުވާލެއްގެ މައްޗަށް ގަނެވެނީ 420 ޓަނުގެ މަސް ކަމުގަ އެވެ. ނަމަވެސް މިދިޔަ ދެ އަހަރާ އަޅާބަލާއިރު މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާ ކަމުގަ އެވެ. މިފްކޯގެ 420 ޓަނުގެ ކެޕޭސިޓީ ފުލްކޮށް، 450 ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަން ޖެހޭ ދުވަސް ވެސް މިފަހުން އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.

"މީ ކިޔުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެންގެ މި ސަރުކާރުގެ ޑިވޮލޮޕްމެންޓް ޕްލޭނުގައި މަސްވެރި ސިނާއަތުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން،"

މަސްވެރިކަން ކިތަންމެ ރަނގަޅު ވިނަމަވެސް، އެއްވެސް އުދަނގުލަކާ ނުލައި ކިޔުގައި ނުޖެހި، މަސްވެރިންނަށް މަސް ކިރުވޭނެ ހާލަތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ގެންދާނެ ކަމުގައި ޝިޔާމް ފާހަގަކުރެއްވި އެވެ.