ޚަބަރު

ވިލުފުށި ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވިލުފުށި / ފޮޓޯ:ފޭސްބުކް

ތ. ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

Ads by Hajj Corporation

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މައްސަލަ ރިޕޯޓުކުރީ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ސިހުރާ ގުޅުންހުރި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސިހުރުގެ މައްސަލަތަކާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ހުސްވި މަހުގެ މެދު ތެރޭގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.

އެ ދެ ރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައިފާސްކުރިއިރު، ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.