ޚަބަރު

ހައްދު ފަހަނައަޅާ ވަރަށް ރައީސަށް ބާރުތައް ދީ: އައިބީ

. ، ދެން އޮންލައިން
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

ގައުމު ހިންގުމަށް ހައްދު ފަހަނައަޅާ ވަރަށް ރައީސުލްޖުމްހޫރިއްޔާ އަށް ބާރުދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ގޮވާލައިފި އެވެ.

Ads by STELCO

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިގަނޑު ކަމަކަށް އޮތީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން (މުސްތޮ) ހުށަހެޅި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ގެ ބަހުސް އެވެ.

ބިލުގެ ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރި އެއް ކަމަކީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދޭ ގޮތަށް އޮތުމެވެ. އެހެންވެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން އެކަންބޮޑުވުން ފާޅުކުރި އެވެ.

އެ ބިލުގެ ބަހުސްގައި އައިބީ ވިދާޅުވީ އިޖުތިމާއި ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ފުުލުހުންނާއި ވަޒީރުންނަށް ބާރުތައް ދޭންވީ ކަމަށެވެ. އެކަމަކު އެ ބާރުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

"އެހެންވީމާ ބާރުތަކެއްދީގެން މައްސަލައެއް ނުޖެހޭނެ، ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހަމަ ހައްދު ފަހަނައަޅާދާ ވަރަށް ބާރު ގައުމު ހިންގަން" އައިބީ ވިދާޅުވި އެވެ.

އެއަށް ފަހު މެންބަރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ވެރިއަކަށް ހުންނަ މީހަކަށް ބޮޑެތި ބާރުތައް ދީފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޗައިނާ އެވެ.

އައިބީ ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ބިލުތައް ފޮނުއްވަނީ މަސްތުވާތަކެތި މައްސަލަތަކާއި ގޭންގު މާރާމާރީތަކުގެ މައްސަލަތަކުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލިހަށް ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

'ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު' ގެ ނަމުގައި ޑްރާފްޓުކޮށްފައިވާ ބިލު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފާއިތުވި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ބިލުގައިވާ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 2 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދީފި ނަމަ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 5 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.