ރޯދަ މަހަށް މަޖިލީސް ބަންދުކުރަން އާންމު ކޮމިޓީން ފާސްކޮށްފި
![](https://dhen.mv/wp-content/uploads/2024/07/4B6YfCNbnaQjqmEJZPWIz0JUYiUBzxv9hPdmV5sN-850x548.jpg)
ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީސް ބަންދުކޮށް، މަޖިލީހުގެ ދައުރު ކުރުކޮށްލަން އެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ދައުރު ކުރުކޮށްލަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަށް ހުށަހެޅީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރުން އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ބޮޗޭ އިސްލާހު ހުށަހެޅީ މަޖިލީހުގެ ދައުރު ބެހިފައިވާ ގޮތް ބަޔާންކުރާ ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.
ގަވާއިދުގައި މިހާރު ލިޔެފައި އޮންނަ ގޮތުންނަމަ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ 1 އިން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ބޮޗޭ އެ މާއްދާއަށް ހުށަހެޅި އިސްލާހަކީ ފުރަތަމަ ދައުރު އަވަސްކޮށް، ދައުރު ހިނގާނީ ޖެނުއަރީ މަަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަދި ދެވަނަ ދައުރު، ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ އޮތުން އޭޕްރީލު މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަދަލުކުރުމަށް ހުށަހެޅި އެވެ.
މިހާރު އޮންނަ ގޮތުންނަމަ 3 ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ބޮޗޭގެ ހުށަހެޅުމަކީ 3 ވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ބަދަލުކުރުމެވެ.
ގަވާއިދުގެ 24 ވަނަ މާއްދާގެ އަކުރެެއް އިތުރުކުރަންވެސް މެންބަރު ހުށަހެޅި އެވެ.
އެއީ މި ދައުރު ހިނގާނީ މި މަހުގެ ނިޔަލަށް ކަމަށް ކަނޑައަޅައި ރޯދަ މަހު މަޖިލީސްގެ ޖަލްސާތައް ނުބާއްވާ ގޮތަށް ޗުއްޓީއަށް ދިޔުމަށެވެ.
އާންމު ކޮމިޓީގެ ރިޔާސަތުގައި މިއަދު އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ބޮޗޭ ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު ދީނީ އަޅުކަމަށް ފުރުސަތު ދިނުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ އަޅުކަމަށް މުޅި ރޯދަ މަސް އެއްކޮށް މަޖިލީސް ޗުއްޓީއަށް ދިޔުމާ ދެކޮޅު ކަމަށެވެ.
"ވަގުތު ކުޑަކޮށްފައި ނަމަވެސް އަޅުގަނޑަށް ތާއިދުކުރެވެނީ ރޯދަ މަހު މަޖިލީހުގެ މަސައްކަތް ހިނގަން ޖެހޭ ކަމަށް" އަމީން ވިދާޅުވި އެވެ.
އެކަމަކު ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ރިޒާ ވިދާޅުވީ ރޯދަ މަހު މަޖިލީސް ޗުއްޓީއަށް ދިޔަ ކަމުގައިވިޔަސް ދެވަނަ ދައުރުގައި ކަންކަން ކުރިއަށްދާނީ އެ ދުވަސްތައް ނުގެއްލޭ ގޮތަށް "ކަވާ" ކުރެވޭ ގޮތަށް ކަމަށެވެ.
މެންބަރު ބޮޗޭ ހުށަހެޅުއްވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް އިސްލާހުތައް ވަނީ 6 މެންބަރުންނެވެ. ދެކޮޅު ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.