ޚަބަރު

މާރާމާރީ ރޭވީކަމުގެ ތުހުމަތުގައި ހައްޔަރުކުރި 5 މީހަކު ހެކި ނެތިގެން ދޫކޮށްލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ފުލުހުންގެ ތަހުގީގަށް ލިބިފައިވާ އެކަށީގެންވާ ހެއްކަކަށް ނުވާތީވެ މާރާމާރީގެ ރޭވިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 5 މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

Ads by Hajj Corporation

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔައީ 34 އަހަރުގެ މީހަކާ 20 އަހަރުގެ މީހަކާ 32 އަހަރުގެ މީހަކާ އަދި 25 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެނގިފައިވާ ގޮތުން މި މީހުންނަކީ މި ފަހުން މާލޭގައި ހިނގި ގޭންގު މާރާމާރީތައް ރޭވުމުގައި އިސްކޮށް އުޅޭ ބަޔެކެވެ.

އެ 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި އެވެ.

ކޯޓުން އާއްމުކޮށްފައިވާ ބަންދު އަމުރުގައި ބުނީ، އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހަން ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓާ ކުށުގެ ރިޕޯޓް ކަމަށެވެ.

އަދި އެ 5 މީހުން ބަންދުގައި ބަހައްޓަން ފުލުހުން ރިޔާއަތްކުރީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޝަރީއަތް ކުރުމާބެހޭ ޖިނާއި އިޖުރާތުގެ ގާނޫނަށް ކަމަށެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރިޔާއަތްކޮށް ގާޒި ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ އިންޓެލިޖެންސް ހެއްކަކީ ގާނޫނުގައިވެސް އަދި ޖިނާއީ އިޖުރާތުގައިވެސް ހެއްކެއް ކަމަށް ބެލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ގާނޫނުލްއުގޫބާތުގައި އިންޓެލިޖެންސް ރިޕޯޓަކީ ފުލުހުންގެ ތަހުގީގަށް ލިބިފައިވާ އެކަށީގެންވާ ހެއްކެއް ކަމުގައި ބެލޭނެ އެއްޗެއް ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ

އަދި އެ މީހުން ބަންދުކުރުމަށް ކުށުގެ އަމަލާ ގުޅުވައިދޭ ހެއްކެއްވެސް ފުލުހުން ހުށަހަޅާފައިނުވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

އެހެންވެ އެ އެންމެން އިތުރަށް ބަންދުގައި ބަހައްޓަން އަމުރުކުރެވޭނެ ގާނޫނީ އަސާސެއް ނެތުމުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.