ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށަނީ

މާލޭ ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ރައީސް އެހެން ވިދާޅުވެފައި އޮއްވައި ސިޓީ ކައުންސިލުގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާ ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ހުޅުވި ސަލްޓަންޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާނުކުރި ކަމަށެވެ.
މި ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަނެެވެ
ރަސްފަންނުގެ މަރާމާތުގެ މަސައްކަތުގެ އަޕްޑޭޓް ހިއްސާކުރަމުން ސިޓީ ކައުންސިލުން ބުނީ، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓާ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފައެވެ
ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސިޓީ ކައުންސިލުން ކަމަށްވެސް ބުންޏެވެ.