ޚަބަރު

ފެނަކަ ދަށުގައި ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފެނަކަ ދަށުގައި ހުރި އައިސް ޕްލާންޓުތައް މިފްކޯއާ ހަވާލުކުރުމުގެ ތެރެއިން/ ފޮޓޯ: ދެން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި 14 އައިސްޕްލާންޓު ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ މިއަދު ހަވާލުކޮށްފި އެވެ.

Ads by STELCO

ފެނަކަ އާއި މިފްކޯއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖީނިއަރިން ޓީމްތައް ހުރިހާ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މި ޓްރާންސިޝަނަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މި ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބާރުލުން ފާހަގަކުރަން"

މިފްކޯއަށް ބަދަލުކުރި އައިސްޕްލާންޓްތައް:

  • ހއ. އިހަވަންދޫ
  • ނ. ޅޮހި
  • ރ. އަލިފުށި
  • ބ. ތުޅާދޫ
  • ފ. ފީއަލި
  • ފ. ނިލަންދޫ
  • ތ. ހިރިލަންދޫ
  • ގއ. ދާންދޫ
  • ގއ. ދެއްވަދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮލަމާފުށި
  • ގދ. ފަރެސްމާތޮޑާ
  • ގދ. ފިޔޯރީ
  • ސ. ހިތަދޫ

މިއަދު މި ބަދަލުކުރެވިގެންދިޔަ އައިސްޕްލާންޓްތަކުގެ ތެރެއިން އިހަވަންދޫ އަދި ހިތަދޫ ގައި 20 ޓަނުގެ ކެޕޭސިޓީ އިންސްޓޯލްކޮށްފައިވާއިރު، ބާކީ އިން 12 ރަށުގައި އިންސްޓޯލްކޮށްފައިވަނީ 25 ޓަނުގެ ކެޕޭސިޓީ އެވެ.

މިފްކޯގެ ބެލުމުގެ ދަށަށް ހުރިހާ އައިސްޕްލާންޓްތައް ބަދަލުކުރާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަކީ "ދެރަ" ކޮށް ދިމާވި ކަމެއް ކަމަށެވެ.

"ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަކަށް އައިސްޕްލާންޓު ދީފައި ހުރީ، އައިސް ޕްލާންޓާ ކުޅެން އެނގޭ މީހަކުވެސް އެތާކު ނެތް" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ފެނަކައިން އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ގިނަ އައިސް ޕްލާންޓުތަކުގެ އޮޕަރޭޝަންވެސް ހުއްޓިފައިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.