ޚަބަރު

ރޯދަ އަށް ޗުއްޓީ އަށް ދިޔުމާމެދު ޕީއެންސީ ޕީޖީން އިތުރު މަޝްވަރާތަކަށް

އަލީ ސަމާޙް ، ދެން އޮންލައިން
Falah

ރޯދަ މަހު ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ބަންދުނުކުރަން މިހާރު ވިސްނަމުން އަންނަ ކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޯދަ މަހަށް މަޖިލީސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅި ހުށަހެޅުން އާންމު ކޮމިޓީން ފާސްކުރީ ބުރާސްފަތި ދުވަހު އެވެ.

ކޮމިޓީން އެ ގޮތަށް ފާސްކުރީ އިދިކޮޅު އެމްޑީޕީން އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވޯޓު ދެއްވީ އެ ނިންމުމާ ދެކޮޅަށެވެ.

ރޯދަ މަހު މަޖިލީސް ޗުއްޓީއަށް ދިޔުމާ ގުޅޭ ގޮތުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ، އެ ހުށަހެޅުން ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލްއާވެސް މަޝްވަރާކޮށްފައި ކަމަށެވެ. އެގޮތަށް ހުށަހެޅީ އެހެން އިތުރު ޗުއްޓީއެއް ނެގުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

"މިހާރު ގަވާއިދު ހުރި ގޮތުން ޗުއްޓީއަށްދާ ފުލް މަހެއް ރޯދަ މަހުގެ ބަދަލުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ރޯދަ މަހު ޗުއްޓީގޮތަށް ހެދުމުގެ ވިސްނުން އޮތީ" އެެއީ ރޯދަ މަހު މަސައްކަތްކުރަން ޖެހޭ ވަގުތުވެސް ކުޑަވުމާއެކު ގިނަ މަސައްކަތްތައް ނުނިމޭނެތީ ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުންނަމަ ރޯދަ މަހު މަޖިލީހަށް ޗުއްޓީއަށް ދާން ހުށަހެޅީ ރައްޔިތުންނަށް ރަނގަޅުވާނެތީ ކަމަށެވެ.

އެކަމަކު އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮތުމުން މިހާރު ގިނަ މެންބަރުންގެ ވިސްނުން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ޝައުވެރިކަމެއް ނެތް މިހާރަކު ރަމަޟާން މަހު ޗުއްޓީ ހަދާކަށް، އާ މަހަކަށް ޗުއްޓީ ހަދާކަށް ނޫން، ރައްޔިތުންނަށްވެސް އިތުރު މަސައްކަތެއް ކޮށްދިނުމަށްޓަކައި" ފަލާހު ވިދާޅުވި އެެވެ.

އެނގިފައިވާ ގޮތުން އެކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕީއެންސީ ޕީޖީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ހަމަޖެހިފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!