އައްޑޫ ކައުންސިލުން މަސްދަޅު ކޭސް ގެއަށް ގެންގޮސްދެނީ

އެ ސިޓީގެ އާންމުންނަށް ބެހުމަށް ސަރުކާރުން ފޮނުވި މަސްދަޅު ކޭސް، އަވަށު އޮފީސްތައް މެދުވެރިކޮށް ގޭގެއަށް ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގެ ހޯލުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.
މަސްދަޅު ކޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ ހަފުތާގައި ބުނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި މާލެ ސިޓީ ކައުންސިލް އަދި ރަށު ކައުންސިލުތަކާ އެކު މަޝްވަރާ ކުރެވި، މަސް ކޭސްތައް ބެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ގޭގެއަށް ދިނުމަށް ހަމަޖެހިފައިވާ މަސް ދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮ މަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.
އަތޮޅުތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. ރަށްރަށުގެ ގޭގެއަށް މަސް ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލުތަކުންނެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން މީގެކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ސިޓީގެ އާންމުންނަށް ބެހުމަށް ފޮނުވި މަސްދަޅު ބެހުމުގެ މަސައްކަތް އެ ސިޓީގެ އަވަށްތަކުން ކުރިއަށް ގެންދާނީ ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
މަސްދަޅު ބެހުމަށް ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް 1 ކޭސް މަގުންނެވެ. ރަޖިސްޓްރީ ކުރެވިފައި ވިނަމަވެސް، މީހުން ދިރި ނޫޅޭ ގެތަކާއި ފަޅު ގޯތިތައް "ގޭބީސީ" ތެރޭގައި ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.
މަސް ކޭހާ ހަވާލުވުމަށްދާ ފަރާތަކީ އެ ލިބޭ ގޭގެ ރަޖިސްޓްރީގައި ނަން އޮތް ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޭހާ ހަވާލުވާންދާއިރު އައިޑީ ކާޑު ގެންދިއުމަށް ވަނީ އެދިފަ އެވެ. އަވަށްތަކުން މަސްދަޅު ކޭސް ބަހާނެ ގަޑިތައް ވެސް އާންމުކުރި އެވެ.
އެ އިއުލާނު ބާތިލުކޮށް، ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ އެ ސިޓީގެ އާންމުންނަށް ބެހުމަށް ސަރުކާރުން ފޮނުވި މަސްދަޅު ކޭސް، ރަޖިސްޓްރީ ކުރެވިފައިވާ މީހުން ދިރިއުޅޭ ގެތަކަށް މާދަމައިން ފެށިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލުގެ އަވަށު އޮފީސްތަކުގެ ފަރާތުން ގެތަކަށް ޒިޔާރަތްކޮށް، މަސް ކޭސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މި ރޯދަމަހު ގޭގެއަށް މަސްދަޅު ކޭސް ދޭން ނިންމާފައިވާއިރު، މިދިޔަ ރޯދަ މަހު ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ވަނީ ދީފަ އެވެ. އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.