ޚަބަރު

އިންޓްރެސްޓަށް 31 މިލިއަން ޑޮލަރު އަރާގޮތަށް ދިއްދޫ އެއާޕޯޓް ދޭން އުޅޭ ކަމަށް ބުނެފި

. ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދު

ކޮންޓްރެކްޓާ ފައިނޭސިންގެ ދަށުން ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށްޓަކައި 31 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ރޭޓާއެކު، ޖުމްލަ 88 މިލިއަން ޑޮލަރަށް އެއާޕޯޓުގެ މަސައްކަތް ކުންފުންޏަކާއެކު ސޮއިކުރަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

Ads by STELCO

ދިއްދޫ ގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ހުސްވި ޖެނުއަރީ މަހު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ ދެން އެރަށަށް ވަޑައިގަންނަވާނީ އެއާޕޯޓް ހުޅުވަން ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގައި މެންބަރު ޝަމްހީދު ވިދާޅުވީ ކޮންޓްރެކްޓް ފައިނޭންސިން އުސޫލުގެ ދަށުން ސަރުކާރުން ބޭނުންވާ އިންޓްރެސްޓު ރޭޓުގައި ޕްރޮޖެކްޓްތައް ހިންގަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ދައުރު ނިމޭ ހިސާބުން ފެށިގެން ސަރުކާރުން އިންޓްރެސްޓް ރޭޓްގެ ގޮތުގައި އަހަރަކު އެތައްބިލިއަން ދައްކަން ޖެހޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ނުރަސްމީކޮށް އަދި ރަސްމީކޮށް އެބަ އެނގޭ ދިއްދޫގެ އެއާޕޯޓެއް އެޅުމަށްޓަކައި 57 މިލިއަން ޑޮލަރަށް އިންޓްރެސްޓާ އެކު 88 ޑޮލަރަށް ސޮއިކޮށްފިކަން" ޝަމްހީދު ވިދާޅުވި އެވެ.

އަދި ހައުސިން ޕްރޮޖެކްޓަތައް ވެސް ހުރީ ކޮންމެ އަގެއްގައި ކުރެވޭ ގޮތަށްކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ބަދަލުވެއްޖެ ކަމަށެވެ.

ޝަމްހީދުގެ ވާހަކަ ދޮގުކޮށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ކޮންޓްރެކްޓިން ފައިނޭންސިން އަށް މަޝްރޫއުތައް ދޫކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

"ހިތަށް އެރި ރޭޓެއްގައި ހިތަށް އެރި އިންޓްރެސްޓް ރޭޓެއްގައި މަސައްކަތް ހުޅުވާލާފައި އޮތީއެއް ނޫން. ކޮންޓްރެކްޓަރުން ސަރުކާރުން ގަބޫލުކުރާ އިންޓްރެސްޓް ރޭޓަކާއެކު ފެވަރަބްލް ޓާމްސް ހުށައެޅީމަ އެ ބޭފުޅުންނަށް މަސައްކަތް ހަވާލުކުރާ ގޮތަށް އޮތީ" އަޒާން ވިދާޅުވި އެވެ.

މި ފަހުން ސަރުކާރުން އިއުލާންކުރި ހައުސިން ޔުނިޓުގެ ތެރެއިންވެސް އެގޮތަށް ދޫކުރަން ނިންމާފައިވަނީ ވަކި 'ކޮމްޕޯނެންޓެއް' ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވަނީ މެންބަރު ޝަމްހީދަށް އެ މައުލޫމާތު ލިބިވަޑައިގެންނެވީ ގޮތެއް ކޮމިޓީއާ ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޝަމްހީދު ވިދާޅުވީ އެއީ ރަނގަޅު އަދަދެއްކަން ދާއިރާގެ މެންބަރުވެސް ޔަގީންކޮށްދީފައިވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެ މައްސަލަ ކޮމިޓީން ބަލަން ބޭނުންވާ ކަމަށެވެ.

"ތިއީ ހެޔޮވާވަރުކަމެއް ނޫން، އަޅުގަނޑުމެންނަށް އެނގޭނެ އެއާޕޯޓް އަޅަންދާ ހަރަދު" ވިޔަފާރިވެރިޔާ އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!