ގައުމު އޮތް ހާލަތު ކޮމިޓީން ރައީސަށް ކިޔައިދޭން ޖެހޭ: ގާސިމް

އިގްތިސާދީ ގޮތުން ރާއްޖެ މިވަގުތު އޮތް ހާލަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކިޔައިދޭން ޖެހޭ ކަމަށް އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި އެކުލަވާލެއްވި އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
ކޮމިޓީގައި މާމިގިލި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ކަންކަމުން އަރައިގަނެވޭނީ ސަރުކާރުގެ ''ފޯމެޓް'' ބަދަލުކޮށްގެން ކަމަށެވެ.
ސަރުކާރު ރަނގަޅަށް ހިންގުމަކީ ވެރިއަކަށް ވެސް ހުންނަ މީހާ ބޭނުންފުޅުވާނެ ގޮތަށްވާތީވެ ރައީސް މުއިއްޒުވެސް އެކަން ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑުމެން ޖެހެނީ ރައީސްއާ މި ކޮމިޓީން ބައްދަލުކޮށްފައި ގައުމު އޮތް ހާލަތު ކިޔައިދޭން،ރައީސް ގޯ އެހެޑް ދެއްވީމާ ނޫނިއްޔާ އަޅުގަނޑުމެން މިކަން ކުރީމަ އަނެއްކާ އިތުރަށް ގޯސްވާނީ
ސަރުކާރުން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ބޮޑެތި އިންްޓްރެސްޓް ރޭޓުގައި މަޝްރޫއުތައް ހަވާލުކުރަން އުޅޭކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ދެއްކެވި ވާހަކަ އަށް އިޝާރަތްކުރައްވާ ގާސިމް ވިދާޅުވީ އެއީ ހަގީގަތަކަށްވުން އެކަށީގެންވާ ކަމަށެވެ.
"އެހެންވީމަ ގިނަ ކަންކަން ކުރަން ބޭނުންވަނީ، އެކަމަކު ބަލާލުމެއް ނެތި އެކަންދާ ކަމަށްވަންޏާ ދެން އެކަމެއް ނުކޮށެއް ނުހުންނާނެ. ދެން ކޮންޓްރެކްޓާ ފައިނޭންސިން އިން ހުރިހާ އޮބްލިގޭޝަން، ހުރިހާ ބާރެއް ރައީސަށް އޮވެގެން ކުރަންޏާ ދެން ނުކޮށެއް ނުހުންނާނެ، ދުނިޔެވީ އެދުންތެރިކަން އޮތިއްޔާ އެކަން ކުރަމުންދާނެ" އެއަށް ފަހު ޖުމްހޫރި ޕާޓީގެ ލީޑަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ ކުރީގައި އަމަލުކުރަމުން އައި ނިޒާމަށް އެނބުރި ދާން ޖެހޭ ކަމަށެވެ.
އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހުނަސް އެއީ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ވާދާއަށް ކަންކަންކުރާނަމަ އިގްތިސާދީ ގޮތުން ގައުމު ދާނީ ދުވަހެއް ދުވަހަށް ދަަށަށް ކަމަށެވެ.
"ތިބޭފުޅުން ތި ވިދާޅުވާ ކަންކަން ނުކުރާކަށެއް ނޫން، އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑާ އެއްވަރަށް ކަންކަންކެރިގެން ކުރިމަތިލާން ކެރޭނެ މީހަކު ނޫޅޭނެ" ގާސިމް ވިދާޅުވި އެވެ.