އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން މިނިސްޓަރު އިހުސާނަށް އެއް ގަޑިއިރު

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުސްވި މަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހުށަހެޅީ އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އެ މީހުންނަށް ނޭނގި، ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ވައްދާފައިވާ ކަމަށެވެ. ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅިއިރު، ފޯމުތަކުގައިވާ މައުލޫމާތުތަކަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސްއަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތުތަކަށް ވުމާ އެކު، ޑޭޓާ ބޭސް އާ ގުޅުންހުރި ހުރިހާ ކަމެއް ބަލަހައްޓަނީ އިހްސާންގެ ބެއްލެވުމުގެ ދަށުންކަން އެނގޭ ކަމަށެވެ. އަދި ފޯމުތައް ފުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކޮށް، އެ އޮފީހުގެ ތެރޭގައި އިހްސާނުގެ ބެއްލެވުމުގެ ދަށުން ކަމުގައި ހާމަވެފައިވާ ކަމަށެވެ.
އެ ޕާޓީން ބުނި ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް އެކަން ހުއްޓުވައި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކްލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމުގަ އެވެ.
އޭގެ އިތުރުން ފުލުހުން ހިންގަމުން އަންނަ ތަހުގީގުތަކަށް މިނިސްޓަރުގެ ހައިސިއްޔަތުން އިހްސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އެޅުމާ އަދި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ކަނޑައަޅަނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ވުމާ އެކު ޖަވާބުދާރީވާން އިހްސާނަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށާއި މެމްބަރުންގެ ސުވާލުތަކަށާ އަދި ބަހުސަށް އެއް ގަޑިއިރު ދިނުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
ހޯމްލޭންޑް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅި ނަމަވެސް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރަނީ ކޮންގްރެސް ޕާޓީންނެވެ.