ޚަބަރު

މަޖިލިސް މެމްބަރުންތަކެއް ގާނޫނީ ދާއިރާއިން ކިޔަވަން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ޝަރީއާ އެންޑް ލޯގެ ކޯސް ކިިޔަވާ ބައެއް މެންބަރުން/ ފޮޓޯ: މަޖިލީހުގެ އިދާރާ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

Ads by Hajj Corporation

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އައިޔޫއެމްއާ މަޖިލީހާ ގުޅިގެން އިއްޔެ ފަށާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯގެ ކޯހެއް ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވާ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އިއްޔެ އައިޔޫއެމްގެ އިދާރާގައި ހާއްސަ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

އެބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އައިޔޫއެމް ގައި ބޭއްވުނު ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޯހެއް މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާތީ ކަމަށެވެ.

އަދި އެކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މެންބަރުންގެ ތަޢުލީމާއި ގުޅޭ މިފަދަ ފުރުސަތެއް ފެށުމުގައި ރައީސް ދެއްވި ލަފާފުޅާއި، ބެހެއްޓެވި ޝައުގުވެރިކަމަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވި އެވެ.

އައިޔޫއެމްއާ އެކު މަޖިލީހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް އިދާރާ

އިއްޔެގެ ބައްދަލުވުމަކީ ކޯހުގައި ކިޔެވުމަށް އެންރޯލް ކުރެއްވި މަޖިލީހުގެ މެންބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ ގެ 1 އަހަރުދުވަހުގެ ކޯހުގައި ޖުމުލަ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި އައިޔޫއެމްގެ ވަގުތީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލާ އަހުމަދު އަމީން ވިދާޅުވީ ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އައިއެމްޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ވަހީދާއާއި ރަޖިސްޓްރާ އަހުމަދު ރައޫފް އަބްދުﷲ ވަނީ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މެންބަރުންނަށް ބެޗްލާ ޑިގްރީ ކޯހެއްވެސް ދާދިއަވަހަށް ފެށުމުގެ އިދާރީ މަސައްކަތްތަކެއް ކުރިއަށް ގެންދޭ އެވެ.

  1. ބަބަން

    ހަމަ އެކަނި ރާއްޖޭގަ،

    ފުރަތަމަ ދެނީ ވަޒީފާ، ދެން އެޔަށް ބޭނުންވާ ޝަރުތު ހަމަކުރަނީ.