ގޭންގުތަކުގެ 144 އުޅަނދު ޓޯކޮށް އަދި ބޭނުންކުރާ ގޮނޑި ޖޯލި ނަގަނީ

ގޭންގުތަކުން ކުށްކުރަން ބޭނުންކުރާ ކަމަށް ބެލެވޭ 100 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފި އެވެ.
މާލޭ ސަރަހައްދުގައި ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް، ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވަނީ ހިއްސާކޮށްފަ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް ވައްގާސް ޝަރީފް ވިދާޅުވީ ގޭންގުތަކުގެ ހަރަކާތްތައް އެންމެ ފުޅާކޮށް ހިންގާ ސަރަހައްދުތައް ދެނެގަނެވި ފުލުހުންގެ ޕެޓްރޯލިން ވަރުގަދަކޮށްފައިވާ ކަމަށެވެ.
އެ ގޮތުން މިހާތަނަށް އެ ސަރަހައްދުތަކުން ފާހަގަކުރެވުނު 2،394 އުޅަނދެއް ފުލުހުން ބަލައި ފާސްކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ. އޭގެތެރެއިން ކުށްކުރަން ބޭނުންކުރާ ކަމަށް ބެލެވޭ 144 އުޅަނދު ޓޯކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ޓޯކުރީ ކޮން ވައްތަރެއްގެ އުޅަނދުތަކެއް ކަމެއް ވައްގާސް ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން އެ ސަރަހައްދުތަކުގައި ގަވާއިދާ ވެސް ހިލާފަށް، އަދި މީހުންނަށް އުނދަގޫ ވެސް ވާ ގޮތަށް ގޭންގުތަކުން ކަންމަތީގައި އެއްވުމަށް ބަހައްޓާފައި ހުންނަ ގޮނޑިތައް ވެސް މިހާރު ފުލުހުން ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ 77 ތަކެތި ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ތަންތަން އަޅުގަނޑުމެންގެ ޓީމުތަކުން އައިޑެންޓިފައިކޮށް، ގޭންގުތަކުން އެއްވާ ބައެއް ސަރަހައްދުތަކުގައި އެ ފަރާތްތަކުން އެބަ ފާހަގަކުރޭ ގޮނޑި މޭޒު ޖޯލިފަދަ ތަކެތި އެބަ ބަހައްޓާ. އެ ސަރަހައްދުގައި އުޅޭ އާންމުންނަށް އުނދަގޫވާ ގޮތަށް ނުވަތަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެ މީހުންގެ އަމަލުތައް ބަހައްޓާ، އެފަދަ 77 އައިޓަމްސް މިހާރު ވަނީ ނަގާފައި،" ވައްގާސް ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގަނޑުގެ ދަން ވަގުތުތަކުގައި އެ ސަރަހައްދުގައި 18 އަހަރު ނުފުރޭ ކުޑަކުދިން އެއްވެ އުޅޭ ކަން ފާޙަގަވުމުން ވެސް އެއްވެސް ސަބަބެއް ނެތި އެ ތަނުގައި ނުތިބެން ނަސޭހަތްދީ ފޮނުވާލުމާއި، ތަކުރާރުކޮށް ފެންނަ ކުދިންގެ ބެލެނިވެރިންނަށް އެ ކަން އަންގަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކުރި އެވެ.
