ކުޑަކުދިން ގޭންގުތަކާ ގުޅެނީ އާއިލާއިން ރައްކާތެރިކަން ނުލިބޭތީ: ފުލުހުން

އެކި ކުށްތައް ކުރާ ގްރޫޕުތަކާ ކުޑަކުދިން ގިނަ ފަހަރަށް ގުޅެނީ އާއިލާގެ ފަރާތުން ލިބެން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުލިބޭތީ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެހެން ބުނީ ގޭންގް ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުންނެވެ.
އެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން ހެޑް އޮފް ގޭންގް ކްރައިމް، ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ކުޑަކުދިން އެކި ކުށްތައް ކުރާ ގްރޫޕުތަކާ ގިނަ ފަހަރަށް ގުޅެނީ އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުން ނުލިބޭތީ ކަމަށެވެ.
"އެ ކުދިން ދެކޭ ގޮތުން ވެއްޖިއްޔާމުން މިފަދަ ގްރޫޕަކާ ގުޅުނީމަ އެބަ ރައްކާތެރިކަމެއް އެބަ ލިބޭ. ރައްޓެހިންތަކެއް އެބަލިބޭ އެއްކޮށް އުޅުމަށް ޓަކައި،" އާރިފް ވިދާޅުވި އެވެ.
އެފަދަ ބޭނުންތަކާ އެކު ވަދެވިގެންދަނީ ކިހާ ނުރައްކާތެރި ބައެއްގެ ތެރެއަށް ކަމުގައި އެ ކުދިންނަށް ވަޒަން ނުކުރެވޭ ކަމަށެވެ. ވިދާޅުވީ އެއްކޮށް ހަރަކާތްތެރިވެވެނީ ކިހާ ނުރައްކާތެރި ބަޔަކާ އެއްކޮށް ކަމާއި އަރައިގަނެވެނީ ބޮޑެތި ޖިނާއީ ކުށްތަކަށް ކަމުގައި އެނގެނީ މާފަހުން ކަމަށެވެ.
އާރިފް ވިދާޅުވި ގޮތުގައި ގޭންގުތަކުން ވަރަށް ޅަ އުމުރުފުރައިގެ ކުދިން "ޑެލިވަރީ ބޯއީ" އެއްގެ ގޮތުގައި މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ ކަމުގަ އެވެ. މާރާމާރީ ފަދަ ކުށްތައް ކުރުމަށް މީހުން "އައިޑެންޓިފައި" ކުރުމާއި "ލޮކޭޓް" ކުރުމަށާއި ފާރައަށް ވެސް ކުދިން ބޭނުންކުރާ ކަމުގަ އެވެ.
އެފަދަ ޖިނާއީ ބޮޑެތި ކުށްތަކުގެ ތަހުގީގު ފަށައިގެން ކުރިއަށްދާއިރު، ކުއްޖަކު އެކަމުގެ ތެރޭގައި ހަރަކާތްތެރިވާކަން އެނގިއްޖެ ނަމަ، އެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރާ ކަމުގަ އެވެ.
"އެ އުފެދުނީ އެ ކުއްޖާގެ ނަން މައްޗަށް އެ ކުއްޖާއަށް ޖިނާއީ ބޮޑު ކުށެއްގެ ރިކޯޑެއް. އެހާ ހިސާބުން ކުއްޖާގެ ކުރިމަގު އެއްކޮށް އެ ދަނީ. ވަޒީފާގެ ފުރުސަތެއް ކަމަށް ވިޔަސް، ނުވަތަ ކުއްޖާގެ ތައުލީމީ ހަޔާތް ކަމުގައި ވިޔަސް ވަރަށް ބޮޑަށް ބަނަވެގެން،" އާރިފް ވިދާޅުވި އެވެ.
ހެޑް އޮފް ގޭންގް ކްރައިމް ވިދާޅުވީ އެކި ކުށްތަކަށް ކުރާ ގްރޫޕުތަކާ ކުދިން ގުޅޭ ގުޅުން ދެނެގަންނަން ބެލެނިވެރިންނަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ކުދިން ބޭނުން ކުރަމުން އަންނަ ގޮތް ބަލައި، ކަންކަން ދެނެގަނެވިދާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
- ކުދިންގެ ނަން ޖަހާފައި ހުންނައިރު، ނަމުގެ ކުރިއަށް ގެނެސްފައިވާ ނަން
- ކުދިން ޝެއާކުރާ ޕޯސްޓުތައް
- ގޭންގުތައް ޕްރޮމޯޓުކުރާ ނިޝާންތަކަށް ލައިކްދޭތޯ
- ގުޅުން ބާއްވާ މީހުން
އެފަދަ ކަންކަމަށް ސަމާލުކަން ދެވިއްޖެ ނަމަ ފުރަތަމަ މަރުހަލާގެ ތެރެއިން ކުޑަކުދިން ކުށްތަކަށް އަރައިގަތުމުން ސަލާމަތް ކުރެވޭކަން ފާހަގަކުރައްވާ އާރިފް ވަނީ ކުށްކުރުމުން ކުދިން ދުރުހެލިކުރަން މަސައްކަތް ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.