ޚަބަރު

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލަންކާގެ ރައީސަށް ދެއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސްރީލަންކާގެ ރައީސް އަނޫރާ ކުރާމަ ދިސަނަޔަކަ، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާ ބައްދަލުކުރައްވައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ދައުވަތު ދެއްވައިފި އެވެ.

Ads by Hajj Corporation

މިއީ ފޮރިން މިނިސްޓަރު ކަމާ ހަލީލު ވަޑައިގަތް ފަހުން ލަންކާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި ލަންކާގެ ރައީސް ކަމަށް އަނޫރާ އިންތިހާބުވި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުގެ ތެރެއިން ލަންކާގެ ރައީސްއާ މިނިސްޓަރު ހަލީލް ބައްދަލުކުރެއްވީ އިއްޔެ ޕްރެޒިޑެންޝަލް ސެކްރެޓޭރަޓްގަ އެވެ. ލަންކާގެ ޕްރެޒިޑެންޓް މީޑިއާ ޑިވިޝަނުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ވަނީ ލަންކާގެ ރައީސަށް ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޚަލީލް ވަނީ އިންތިޚާބުން ލިބުނު ކާމިޔާބީއާއި ގުޅިގެން ރައީސް ދިސަނަޔަކައަށާއި އަލަށް އިންތިޚާބުވި ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިންތިހާބަށް ފަހު ސްރީލަންކާއަށް އަންނަ ހެޔޮ ބަދަލުތަކަށް ޝުކުރު އަދާކުރެއްވި އެވެ.

ވަކިން ހާއްސަކޮށް އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމުގައި ލަންކާއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު ހަލީލް ތައުރީފު ކުރެއްވި ކަމަށް ލަންކާގެ ޕްރެޒިޑެންޝަލް މީޑިއާ ޑިވިޝަނުން ބުންޏެވެ.