ޚަބަރު ސިއްޙަތު

މެންޓަލް ހެލްޕްލައިނަށް އަހަރެއް: 3،651 ކޯލަށް ޖަވާބުދީ، 53 މީހަކު ފަރުވާއަށް ރެފަކުރި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލަން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ގައުމީ ހެލްޕްލައިން، 1677 އަށް އަހަރެއް ފުރުނުއިރު 3,651 ފޯނު ކޯލަށް ޖަވާބުދީ އަދި 53 މީހަކު ހާއްސަ ފަރުވާއަށް ރެފަކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

ނަފްސާނީ އެކިއެކި ކަންކަމާ ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގެ މަގުޗާޓުގައި ހިމެނުނު ކަމެކެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން, "ނޭޝަނަލް މެންޓަލް ހެލްތް ހެލްޕްލައިން" އިފުތިތާހުކޮށް، ހިދުމަތް ފަށާފައި ވަނީ ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަަނަ ދުވަހު އެވެ.

ހިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހެލްޕްލައިނުން 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ހާއްސަ ފަރުވާއަށް ރެފަކޮށް، ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ފޯރުކޮށްދިން ހިދުމަތްތައް:

  • ކްރައިސިސް މެނޭޖްމަންޓުގެ ހިދުމަތް - 175 ފަރާތަށް
  • އިމޯޝަނަލް ސަޕޯޓުގެ ހިދުމަތް - 676 ފަރާތަށް
  • މައުލޫމާތު ސާފުކުރުން / އެހެނިހެން ހިދުމަތް - 1،462 ފަރާތަށް

މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީ އާއެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަމާއި މައުލޫމާތު ދިނުމާ އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ހިދުމަތްތަކަށް ރެފަ ކުރަމުންދާ ކަމުގަ އެވެ.

އޭގެ އިތުރުން، ހިދުމަތް ދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިން ކަން ކަށަވަރުކޮށް، ކޯލް އެޖެންޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، އަދި އެސްއޯޕީތަކާއި ރެފަރަލް ނިޒާމުތައް ތައާރަފު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ހެލްޕްލައިންގެ ހިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާ ޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތް ކުރާނެކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.