ޚަބަރު

ކުޑަގިރިއަށް ކާމިޔާބު ދެ އަހަރު؛ ހިދުމަތް ދެވޭ ވަގުތު އިތުރުކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުޑަގިރި ފެހިކުރަން ހިންގި ޕްރޮގްރާމެއް ތެރެއިން - ފޮޓޯ: އެޗްޑީސީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކޮށް އިންތިޒާމުތަކާއި ހިދުމަތްތައް ފުރިހަމަކުރަން މުހިންމު ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

Ads by STELCO

އެޗްޑީސީން ބުނި ގޮތުގައި ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރު ވާނީ އޭޕްރީލް މަހުން ފެށިގެންނެވެ. މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަގިރިއަށް ދެ އަހަރު ފުރުމާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތް ކުރައްވައި އެރަށުގެ އިންތިޒާމުތައް ބައްލަވާލައްވައިފަ އެވެ.

އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރު ސެޓިސްފެކްޝަން ހުރީ 70 އިން މަތީގަ އެވެ.

ކުޑަގިރި ދެ އަހަރު ފުރުމާ ގުޅިގެން ހަރަކާތްތައް ބާއްވަނީ - ދެން ފޮޓޯ

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރި ނަމަވެސް، ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެ ތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވައިފަ އެވެ. މި ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.

އޭގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. މިއީ، އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ.