ޚަބަރު

ރ އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދި މައްސަލާގައި ހައްޔަރުކުރި ދެ މީހުން

ރ އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރުގައި ހުންނަ އަތޮޅު ކައުންސިލުގެ އިދާރާ ގޯތި ތެރެއަށް ސިހުރު ހަދަނިކޮށް ފެންނަ ކަމަށް ބެލެވޭ ވީޑިއޯއެއް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލައިގެ އަޕްޑޭޓް ހިއްސާކުރަމުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ކައުންސިލުގެ އިދާރާއަށް ސިހުރާ ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު އެވެ. ފުލުހުން މިހާރު އަމަލުކުރާ އުސޫލުގެ ދަށުން އެ ދެ މީހުންގެ ވަނަވަރުވެސް ހިއްސާކޮށްފައިވެ އެވެ.

އެއީ:

  1. ރިވެލި، ރ. އުނގޫފާރު، މުހައްމަދު އަމްޖަދު (61އ)
  2. ނަސީމީ ހިޔާ، ރ. އުނގޫފާރު، މުހައްމަދު ވަހީދު (67އ)

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިހުރުގެ ގިނަ މައްސަލަތަކެއް މިފަހުން ފެންމަތިވަމުން އަންނައިރު، ރަށްރަށުގައި ގިނަ އޮޕަރޭޝަންތަކެއް ވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހދ. ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހޯދާފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކޮށް، 8 ގެއަކުން ސިހުރު ހާހުރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި އަދި ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި އެކި ކަހަލަ އާލާތްތައް ފެނިގެން އެ ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ކުޅުދުއްފުށީގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިރު، ސިހުރުގެ މައްސަލަތަކާ ގުޅިގެން ހުސްވި މަހުގެ މެދު ތެރޭގައި ރ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.

އެ ދެ ރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައިފާސްކުރިއިރު، ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.