އިހުސާންގެ އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މާދަމާ ހެނދުނު 9 ޖަހާއިރު ފަށާ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް ވެސް އޮތީ އިހުސާންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިހުސާނަށް 1 ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ.
އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވައި އިހުސާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދިއިރު މަޖިލީހުގައި އޮތީ ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ. 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ޕާޓީގެ 75 މެންބަރުން ތިއްބަވަ އެވެ.
އެމްޑީޕީން އިހުސާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، ގިނަ އަދަދެއްގެ މީހުންނަށް ނޭނގި ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަން ފެންމަތިވި އިރު ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީއަށް ގިނަ އަދަދެއްގެ ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެނެވެ. އެ ފޮޓޯތަކުން ބައެއް އައިޑީކާޑު ފޮޓޯތައް އެއް ގަނޑެއްގައި ހިމެނޭ މަންޒަރު ފެންނަ އިރު އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނެވި އެވެ.
