ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫން: ފައްޔާޒު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓުގައި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ބައެއް މެމްބަރުން ބައިވެރިނުވުމުން އެކަން ރައީސް ކުށްވެރިކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ މެންބަރުން ތިއްބަވާ ގްރޫޕަކަށް މިއަދު މެސެޖެއް ފޮނުއްވާފަ އެވެ.
"ވިޕާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން، އެއްވެސް ފަހަރަކު،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
އެ މެސެޖުގެ ވާހަކަ ނޫސްތަކުން ރިޕޯޓްކުރުމުން ފައްޔާޒު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސްއަކަށް ނޯންނާނެ ކަމަށެވެ.
މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫން
ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު އަލުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މީގެ ކުރިން ގަރާރެއް ފާސްކޮށްފަ އެވެ.
ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އެމްޑީޕީން އަމަލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެމްޑީޕީގެ 12 މެމްބަރަކު ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އެ ބިލަށް ޕީއެންސީގެ 11 މެންބަރަކު ވޯޓު ނުދެއްވާކަން ވަނީ އެނގިފަ އެވެ.
އެ ބިލު މިހާރު އޮތީ ޖުޑިޝަރީ ކޮމިޓީގަ އެވެ. ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް 16:30 އަށް ވަނީ ތާާވަލުކޮށްފަ އެވެ.