ދެ ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓުގައި ބައިވެރިނުވަނީ ދެ މެމްބަރުން: ޕީއެންސީގެ ޕީޖީ ލީޑަރު

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓުގައި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ދެ މެމްބަރަކު ބައިވެރި ނުވާ ކަމަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
މިއަދު ބޭއްވި ޖަލްސާގައި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ ވަނީ ވޯޓަށް އަހާފަ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު، ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ކޮންގްރެސް ޕާޓީގެ 11 މެމްބަރުން ވޯޓުގައި ބައިވެރިނުވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުފުޅުތަކުގަ. 2 މެމްބަރުން ވޯޓުގައި ބައިވެރިނުވެވުނީ،" ޕޯސްޓުގައިވެ އެވެ.އެ މެންބަރުންގެ ނަމެއް ފަލާހު ވިދާޅެއް ނުވެ އެވެ. ފަލާހު އެހެން ވިދާޅުވިއިރު، ކޮންގްރެސް ޕާޓީގެ މެމްބަރުން ތިބޭ ގްރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާޓީން "ތްރީ ލައިން ވިޕް" އެއް ކަނޑައެޅުމުން ވިޕާ ހިލާފުވުމަކީ އެއްވެސް މެމްބަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. "ވިޕާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން، އެއްވެސް ފަހަރަކު،" ރައީސް ވިދާޅުވި އެވެ. ހަމަ އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފަލާހު ވިދާޅުވެފައި ވަނީ ވިޕާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. "ގަސްތުގައި ވިޕް ލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނަން،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް 62 ވަކީލުންގެ ސޮޔާ އެކު މަޖިލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.






ކޮމެންޓް