ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ޖިނާއީ ތަހުގީގެއް ހިނގާތީ: ޖޭއެސްސީ

ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކުރީ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާތީ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމި ސަބަބު ހާމަކޮށް ޖޭއެސްސީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމުގައި އޭސީސީން އެ ކޮމިޝަނަށް ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ، ނުވަތަ ބަންދުކޮށްފި ނަމަ ނުވަތަ ތަހްގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހްގީގުކުރަން ފަށައިފިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފި ނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމާ މެދު އަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ،" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަސައްކަތުން 3 ފަނޑިޔާރަކު މިއަދުން ފެށިގެން ވަގުތީ ގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ތާވަލުކޮށް، އަޑުއެހުން ފެށުމަށް ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ.
ކޯޓުގެ އަޑުއެހުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން އަލީ ހުސައިންގެ ވަކީލު މަހްފޫޒް ސައީދު "ދެން" އަށް ވިދާޅުވީ އަޑުއެހުން ކެންސަލްކުރި ކަމަށް އަންގާފައި ވަނީ ވަކީލުންނާއި އަޑުއަހަން ދިޔަ މީހުން ވެސް ކޯޓު ރޫމަށް ވެއްދުމަށް ފަހުގައި ކަމަށެވެ. އަޑުއެހުން ކެންސަލްކުރި ސަބަބު ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަމުންދަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ރައްޔިތުންގެ މަޖިލިހަށް ހުށަޙެޅި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.
ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖޭއެސްސީން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ސުޕްރީމް ކޯޓުގެ ތާރީހު
ކޯޓުތަކުގެ ގާނޫނު ވުޖޫދުކޮށް، ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލިހުން އެ އަދަދު ފަހަކަށް ތިރިކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.
މިހާރު އޮތް ގޮތަށް އަނެއްކާވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލިހަށް ފޮނުވައިގެން ވަކިކުރި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ 19 ވަނަ މަޖިލިހުން ރުހުންދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.